ދިރިއުޅޭ ރަށުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަކީ ސަރުކާރު ހިފާފައިވާ މުހިންމު އެއް އަމާޒު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަފުށީގައި ގާއިމު ކޮށްފައިވާ ކްލިނިކާއި ބޭސް ފިހާރައިގެ ހިދުމަތް އިފްތިތާހު ކުރަން ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކޮށްދީ މަސައްކަތުގެ މައިދާނުގައި އެއްބާރުލުންދީ އެހީތެރިކަން ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ވިދާޅުވީ، ގުޅީފަޅާއި ތިލަފުށީގައި މަސައްކަތްކުރާ ފަރާތްތަކަށް ސިއްހީ ފަރުވާދެވޭނެ ގޮތަށް ތިލަފުށީގައި ކްލިނިކަކާއި ބޭސް ފިހާރައެއްގެ ހިދުމަތް ފެށުމަކީ އުފާ ކުރައްވާ ކަމެއް ކަމަށާއި، މަސައްކަތްތެރީންނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ޔަގީންކުރެވިފައި ވުމަކީ މަސައްކަތް ކުރުވާ ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށެވެ.