ދުނިޔެ

ބްރެޒިލްގެ ޖަލެއްގައި 57 މީހުން މަރާލާއިފި

ބްރެޒިލްގެ އުތުރުގައިވާ "އަލްޓަމިރާ ޖަލު" ގައި ހިނގި ހަމަނުޖެހުމެއްގައި 57 މީހުން މަރާލައިފި އެވެ. އެކަން ސްޓޭޓް ޕްރިޒަން ޗީފް ޖަރްބާސް ވަސްކޮންލެސް ވެސް ވަނީ ދުނިޔޭގެ މީޑިއާއަށް ކަށަވަރުކޮށް ދެއްވާފަ އެވެ.

ޖަލު ހަމަނުޖެހުމާބެހޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަސްކޮންލެސް ވިދާޅުވީ، ހަމަނުޖެހުން ހިނގާފައިވަނީ ޖަލު ބަންދުގައި ތިބި ދެ ގޭންގެއް މެދުގައި ކަމަށެވެ. އެ ހަމަނުޖެހުމުގައި މަރާލި 57 މީހުންގެ ތެރެއިން 16 މީހުން މަރާފައި ވަނީ ކަރުބުރި ކޮށްގެން ކަމަށްވެސް ވަސްކޮންލެސް ވިދާޅުވި އެވެ.

ވަސްކޮންލެސް ވިދާޅުވި ގޮތުގައި ދެ ގޭންގު މެެދުގައި ހަމަނުޖެހުން ހިނގާފައިވަނީ ހެނދުނު ނާސްތާގެ ތެރޭގަ އެވެ. ނާސްތާގެ ތެރޭގައި ހަމަނުޖެހުން އުފެދި ދެ ގޭންގުން ހަމަލާ ބަދަލުކުރީ އުލާއި ސަމުސާ އަދި މޭޒުގެ އިތުރުން ގޮނޑި ބޭނުން ކޮށްގެންނެވެ.

ފަސް ގަޑިއިރު ވަންދެން ހަމަނުޖެހުން ދިގު ދެމިގެން ދިޔަ ކަމަށް ވަސްކޮންލެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަމަނުޖެހުން ހިނގަން ފެށުމުން ޖަލު އޮފިސަރަުންނަށް ކެންޓީނަށް ނުވަދޭނެ ހެން ދޮރުމަތީގައި ގައިދީން އަލިފާން ރޯ ކޮށްފައިވާ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން 2017 ގައި ބްރެޒިލް ގައި ހިނގި ޖަލު ހަމަނުޖެހުމެއްގައި ވެސް ވަނީ 120 ގައިދީއަކު މަރުވެފައި ވެއެވެ. ބްރެޒިލްގެ ޖަލުތަކުގައި ބަންދު ކޮށްފައިވާ ގިނަ މީހުންނަކީ ގޭންގު މެމްބަރުންނަށް ވާތީ އިދިކޮޅު ގޭންގާ ހަމަނުޖެހުން ހިންގުމަކީ އާންމު ކަމަކެވެ