ދުނިޔެ

ޕާކިސްތާނުގެ ބޯޓެއް ވެއްޓި 17 މީހުން މަރުވެއްޖެ

ތަމްރީނުތަކެއް ހަދަމުން ދިޔަ ޕާކިސްތާނުގެ ހަނގުރާމަވެރި ބޯޓެއް ވެއްޓި 17 މީހަކު މަރުވެއްޖެ އެވެ. ބޯޓު ވެއްޓިފައިވަނީ އަލިފާން ރޯވުމުގެ ސަބަބުންނެވެ.

ތަމްރީނު ހަދަމުން ދަނިކޮށް އަލިފާން ރޯވި ބޯޓު ވެއްޓިފައި ވަނީ ވެސް އާންމުން ދިރިއުޅޭ ގެއެއްގެ މައްޗަށެވެ. މި ހާދިސާގައި މަރުވެފައިވަނީ އާންމުންގެ 12 މީހަކާއި ޕާކިސްތާނުގެ ސިފައިންގެ ފަސް މީހެކެވެ. ހަދިސާގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ދިޔައިރު ވެސް އެ 17 މީހުން ވަނީ މަރުވެފަ އެވެ.

ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވީ، ތަމްރީނު ހަދަމުން ދަނިކޮށް ބޯޓު އޮފް ބެލެންސްވެ ވެއްޓުނު ވަގުތު ގޭގެ މަތީގައި ޖެހުމާއެކު އެ ބޯޓު ގޮވާފައިވާ ކަމަށެވެ. ހާދިސާގައި އިތުރު 15 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާނުގެ ރެސްކިޔު ޓީމުން ބުނީ، ޒަހަމްވި ގިނަ ބައެއްގެ ހާލު ސީރިއަސް ކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ތަމްރީނު ހަދަމުން ދިޔަ ވަގުތު ބޯޓުގައި މައްސަލައެއް ޖެހިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.