ދުނިޔެ

ވެއްޓުނު ޕާކިސްތާނު ބޯޓުގެ ކަޅުފޮށި ހޯދައިފި

May 24, 2020

ކަރާޗީ (މެއި 24) - ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ވެއްޓުނު ޕާކިސްތާނު އެއާލައިންސްގެ އޭ320 މަރުކާގެ މަތިންދާ ބޯޓުގެ ކަޅު ފޮށި ހޯދިއްޖެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ބޯޓު ވެއްޓިފައި ވަނީ މިދިއަ ހުކުރު ދުވަހު ލާހޯރުން ފުރައިގެން 91 ފަސަންޖަރުންނާއެކު ޖިންނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ މަގުމަތީގަ އެވެ.

އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި ފަސަންޖަރުންނާއި ކްރޫއިންގެ ތެރެއިން މިހާތަނަށް 97 މީހުން ވަނީ މަރުވެފަ އެވެ.

ޕީއައިއޭގެ ތަރުޖަމާނު މީޑިއާއަށް ވިދާޅުވީ، ބޯޓުގެ ކަޅު ފޮށި ހޯދައި، އެ ހާދިސާގެ ތަހުގީގަށް އިންކުއަރީ ބޯޑާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

ބޯޓު ވެއްޓުނު ވަގުތު، ގިނަ ގެތަކަކަށް ގެއްލުން ލިބި، އެ ސަރަހައްދުގައި ރޯވެ، ބޯޓުގެ ބައިތައް މަގުތަކަށް ބުރައިގެން ދިޔަ ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެ ބޯޓުން ދަތުރު ކުރި ދެ ފިރިހެން ފަސަންޖަރުން ސަލާމަތްވެފައިވާ ކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނުގެ އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވީ ގޮތުގައި، ބޯޓު ވެއްޓުވުމުގެ ކުރިން ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށް ޕައިލަޓު ކޮންޓްރޯލް ޓަވަރަށް އެންގި އެވެ. އަދި ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނީ އެ ބޯޓު ވެއްޓުމުގެ ހިނދުކޮޅެއް ކުރިން، ބޯޓުގެ ދެ އިންޖީނު ވެސް ފެއިލްވެއްޖެ ކަމަށް ބުނެ، އެހީތެރި ކަމަށް އެދެމުން ޕައިލެޓު ގެންދިއަ ކަމަށެވެ.

ނަމަވެސް، ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެޅި ލޮކްޑައުނަށްފަހު، ކޮމާޝަލް ފްލައިޓުތައް އުދުހުމުގެ ހުއްދަ ދިންތާ މަދު ދުވަސް ކޮޅެއްގެ ތެރޭގަ އެވެ.