ދުނިޔެ

ޕާކިސްތާނުގައި ބޯޓު ވެއްޓުން: މަރުގެ އަދަދު 85 އަށް

May 23, 2020

ކަރާޗީ (މެއި 23) - ޕާކިސްތާނު އެއާލައިންސްގެ އޭ320 މަރުކާގެ މަތިންދާ ބޯޓެއް، ކަރާޗީގެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 85 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ބޯޓު ވެއްޓިފައި ވަނީ ލާހޯރުން ފުރައިގެން 91 ފަސަންޖަރުންނާއެކު ޖިންނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ މަގުމަތީގަ އެވެ. ފަސަންޖަރުންގެ އިތުރު އަށް ކްރޫން ވެސް ބޯޓުގައި ތިބި ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

އެ ބޯޓުން ދަތުރު ކުރި ދެ ފިރިހެން ފަސަންޖަރުން ސަލާމަތްވެފައިވާ ކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ބޯޓު ވެއްޓުނު ވަގުތު، ގިނަ ގެތަކަކަށް ގެއްލުން ލިބި، އެ ސަރަހައްދުގައި ރޯވެ، ބޯޓުގެ ބައިތައް މަގުތަކަށް ބުރައިގެން ދިޔަ ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވީ ގޮތުގައި، ބޯޓު ވެއްޓުވުމުގެ ކުރިން ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށް ޕައިލަޓު ކޮންޓްރޯލް ޓަވަރަށް އެންގި އެވެ. އަދި ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނީ އެ ބޯޓު ވެއްޓުމުގެ ހިނދުކޮޅެއް ކުރިން، ބޯޓުގެ ދެ އިންޖީނު ވެސް ފެއިލްވެއްޖެ ކަމަށް ބުނެ، އެހީތެރި ކަމަށް އެދެމުން ޕައިލެޓު ގެންދިއަ ކަމަށެވެ.

ނަމަވެސް، ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެޅި ލޮކްޑައުނަށްފަހު، ކޮމާޝަލް ފްލައިޓުތައް އުދުހުމުގެ ހުއްދަ ދިންތާ މަދު ދުވަސް ކޮޅެއްގެ ތެރޭގަ އެވެ.