ދުނިޔެ

ޕާކިސްތާނު ބޯޓުގެ ތަހުގީގު ފަށައިފި

May 28, 2020

އިސްލާމްއާބާދު (މެއި 28) - ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ޕާކިސްތާނު އެއާލައިންސްގެ އޭ320 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގެ ތަހުގީގު ކަމާބެހޭ އިދާރާތަކުން ފަށައިފި އެވެ.

ބޯޓު ވެއްޓިފައި ވަނީ މިދިއަ ހުކުރު ދުވަހު ލާހޯރުން ފުރައިގެން 91 ފަސަންޖަރުންނާއެކު ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ މަގުމަތީގަ އެވެ.

އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި ފަސަންޖަރުންނާއި ކްރޫއިންގެ ތެރެއިން މިހާތަނަށް 97 މީހުން ވަނީ މަރުވެފަ އެވެ.

މިދިއަ ބުދަ ދުވަހުން ފެށިގެން ތަހުގީގަށް ބޯޓުގެ ބައިތައް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، ބޯޓުގެ ޕައިލެޓުން ތިބޭ ކޮކްޕިޓުގެ ވޮއިސް ރެކޯޑަރުގެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދާއިރު، އިންކުއަރީ ބޯޑުގައި ޕައިލެޓުން ތަމްސީލުކުރާ މިންވަރު މަދުވުމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.

އެ ބޯޓުން ދަތުރު ކުރި ފިރިހެން ދެ ފަސަންޖަރަކު ސަލާމަތްވެފައިވާ ކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެ ދެ މީހުންގެ އިތުރުން ބޯޓު ވެއްޓުނު ސަރަހައްދުން ޒަހަމްވި އިތުރު ހަތަރު މީހަކަށް އަދިވެސް ދަނީ ފަރުވާ ދެވެމުންނެވެ.

އަދި އޭ320 މަރުކާގެ މަތިންދާބޯޓުތައް އުފައްދާ އެއާބަސް ކުންފުނީގެ ޓީމެއް ވެސް ވަނީ އެ ތަހުގީގަށް އެހީތެރުވުމަށް ޕާކިސްތާނަށް ދަތުރު ކޮށްފަ އެވެ.

ޕާކިސްތާނުގެ އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވީ ގޮތުގައި، ބޯޓު ވެއްޓުވުމުގެ ކުރިން ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށް ޕައިލެޓު ކޮންޓްރޯލް ޓަވަރަށް އެންގި އެވެ. އަދި ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނީ އެ ބޯޓު ވެއްޓުމުގެ ހިނދުކޮޅެއް ކުރިން، ބޯޓުގެ ދެ އިންޖީނު ވެސް ފެއިލްވެއްޖެ ކަމަށް ބުނެ، ޕައިލެޓް އެހީތެރި ކަމަށް އެދެމުން ގެންދިއަ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އެޅި ލޮކްޑައުނަށް ފަހު، ކޮމާޝަލް ފްލައިޓުތައް އުދުހުމުގެ ހުއްދަ ދިންތާ މަދު ދުވަސް ކޮޅެއްގެ ތެރޭގަ އެވެ.