ދުނިޔެ

ޕާކިސްތާނުގެ 150 ޕައިލެޓުން ސަސްޕެންޑު

Jun 26, 2020

އިސްލާމްއާބާދު (ޖޫން 26) - ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ޕައިލެޓުންތަކެއްގެ ލައިސެންސާމެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެން، ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ 150 ޕައިލެޓެއް ސަސްޕެންޑުކޮށްފި އެވެ.

މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ، ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ޕާކިސްތާނު އެއާލައިންސްގެ އޭ320 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާ ހިނގަން މެދުވެރިވީ، އެ ބޯޓުގެ ޕައިލެޓުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލަށް ހެދުނު ގޯހަކުން ކަމަށް އެ ހާދިސާގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓުގައި ބުނެފައިވަނިކޮށެވެ.

މިދިއަ މެއި މަހުގެ 22 ވަނަ ދުވަހު ބޯޓު ވެއްޓިފައި ވަނީ ލާހޯރުން ފުރައިގެން 91 ފަސަންޖަރުންނާއެކު ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ މަގުމަތީގަ އެވެ.

އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި ފަސަންޖަރުންނާއި ކްރޫއިންގެ ތެރެއިން 97 މީހުން ވަނީ މަރުވެފަ އެވެ.

"އަޅުގަނޑުމެންގެ ޖުމްލަ 434 ޕައިލެޓުންގެ ތެރެއިން، 150 ޕައިލެޓުން ވަނީ އުދުހުން މަނާކޮށްފައި،" ޕީއައިއޭގެ ތަރުޖަމާނު އަބްދުﷲ ހާން މީޑިއާތަކަށް ވިދާޅުވެފައިވެ އެވެ.

މި ފިޔަވޅުގެ ސަބަބުން، ޕީއައިއޭގެ އޮޕަރޭޝަންސްތައް ގާތްގަނޑަކަށް ހުއްޓުމަކަށް އަންނާނެކަމަށާއި، ނަމަވެސް، އިތުރު ރިސްކެއް ނެގެންނެތްކަމަށްވެސް ހާން ވަނީ ވިދާޅުވެފަ އެވެ.

އިއްޔެ ސަސްޕެންޑު ކުރި ޕައިލެޓުން އުދުހުން މަނާކޮށްފައިވަނީ، އެ މީހުންގެ ލައިސެންސާ ގުޅޭގޮތުން މިހާރު ފަށާފައިވާ ތަހުގީގު ނިމެންދެނެވެ. އެ މީހުންނަށް ތުހުމަތުކޮށްފައިވަނީ، އިމްތިހާނު އެހެން މީހުން ލައްވާ ފުރިހަމަ ކުރި ކަމަށެވެ.

މިދިއަ ބުދަ ދުވަހު ޕާލިމަންޓަށް މައުލޫމާތު ދެއްވަމުން އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރުވާރު ހާން ވިދާޅުވެފައިވާ ގޮތުގައި، ޕާކިސްތާނުގައި މިހާރު ތިބި ޖުމްލަ 860 ޕައިލެޓުންގެ ތެރެއިން، 262 ޕައިލެޓެއްގެ ލައިސެންސާމެދު ޝައްކުކުރެވިފައިވާ ކަމަށެވެ.

ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހޯދިފައިވާ ކަންކަމާ ގުޅޭގޮތުން، ހާން ވިދާޅުވީ އެ ބޯޓުގެ ޕައިލެޓުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލުން އަމަލު ކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އަދި ކޮރޯނާވައިރަސްގެ ވާހަކާގައި ޕައިލެޓުން ތިބުމުން، އެކަށީގެންވާ ވަރަށް ސަމާލުކަން ދެވިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ބޯޓުން ދަތުރު ކުރި ފިރިހެން ދެ ފަސިންޖަރަކު ސަލާމަތްވެފައިވާ ކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ހާން ވިދާޅުވި ގޮތުގައި، އެ ބޯޓުގައި މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ބޯޓު ޖައްސަން އުޅެ، ނުޖެއްސުނީ، ލޭންޑިންގް ގިއަރު ރަނގަޅު ވަގުތުގައި ޕައިލެޓަށް ބޭނުން ނުކުރެވިގެން ކަމަށެވެ.

ބޯޓު ޖައްސަން ނާކާމިޔާބު ވުމުން، އަނބުރާލާފައި އަނެއްކާ ވެސް ޖައްސަން އައި ވަގުތު، ބޯޓުގެ އިންޖީނުތަކަށް ގެއްލުން ލިބިފައިވާކަން އެއާ ޓްރެފިކް ކޮންޓްރޯލުން ޕައިލެޓަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެވަނަ ފަހަރަށް ޖައްސަން އައި މަގުމަތީގައި، ބޯޓު އިތުރަށް މައްޗަށް ނަގަން އެއާ ޓްރެފިކް ކޮންޓްރޯލުން ބުނުމުން، ތިމަންނާއަށް ވާނެއޭ ޕައިލެޓް ބުނި. މާ ބޮޑަށް އޯވާ ކޮންފިޑެންޓްވީ،" ހާން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ހާދިސާގެ ފުރިހަމަ ރިޕޯޓު އަހަރެއްހާ ދުވަހުގެ ތެރޭގައި އާއްމު ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ހާދިސާއެއް ތަކުރާރުވިއަ ނުދިނުމަށްޓަކައި، ޕާކިސްތާނު އެއާލައިންސްގެ ހިންގުން ހަރުދަނާކޮށް، އުސޫލުތަކަށް ތަބާނުވާ ޕައިލެޓުންނާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް ހާން ވިދާޅުވި އެވެ.

ނަމަވެސް، ޕާކިސްތާނުގެ ޕައިލެޓުންގެ އެސޯސިއޭޝަނުން ވަނީ އެ ތަހުގީގާމެދު ސުވާލު އުފައްދައިފަ އެވެ.