ދުނިޔެ

ޕާކިސްތާނު ބޯޓު ވެއްޓުނީ ޕައިލެޓަށް ހެދުނު ގޯހަކުން

Jun 25, 2020

އިސްލާމްއާބާދު (ޖޫން 25) - ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ޕާކިސްތާނު އެއާލައިންސްގެ އޭ320 މަރުކާގެ މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާ ހިނގަން މެދުވެރިވީ، އެ ބޯޓުގެ ޕައިލެޓުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލަށް ހެދުނު ގޯހަކުން ކަމަށް އެ ހާދިސާގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓުގައި ބުނެފި އެވެ.

މިދިއަ މެއި މަހުގެ 22 ވަނަ ދުވަހު ބޯޓު ވެއްޓިފައި ވަނީ ލާހޯރުން ފުރައިގެން 91 ފަސަންޖަރުންނާއެކު ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ މަގުމަތީގަ އެވެ.

އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި ފަސަންޖަރުންނާއި ކްރޫއިންގެ ތެރެއިން 97 މީހުން ވަނީ މަރުވެފަ އެވެ.

އެ ހާދިސާގެ ތަހުގީގަށް ހޯދިފައިވާ ކަންކަން ޕާކިސްތާނުގެ ޕާލަމަންޓާ ހިއްސާ ކުރައްވަމުން، އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރުވާރު ހާން ވިދާޅުވީ އެ ބޯޓުގެ ޕައިލެޓުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލުން އަމަލު ކޮށްފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އަދި ކޮރޯނާވައިރަސްގެ ވާހަކާގައި ޕައިލެޓުން ތިބުމުން، އެކަށީގެންވާ ވަރަށް ސަމާލުކަން ދެވިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ބޯޓުން ދަތުރު ކުރި ފިރިހެން ދެ ފަސިންޖަރަކު ސަލާމަތްވެފައިވާ ކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ހާން ވިދާޅުވި ގޮތުގައި، އެ ބޯޓުގައި މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ބޯޓު ޖައްސަން އުޅެ، ނުޖެއްސުނީ، ލޭންޑިންގް ގިއަރު ރަނގަޅު ވަގުތުގައި ޕައިލެޓަށް ބޭނުން ނުކުރެވިގެން ކަމަށެވެ.

ބޯޓު ޖައްސަން ނާކާމިޔާބު ވުމުން، އަނބުރާލާފައި އަނެއްކާ ވެސް ޖައްސަން އައި ވަގުތު، ބޯޓުގެ އިންޖީނުތަކަށް ގެއްލުން ލިބިފައިވާކަން އެއާ ޓްރެފިކް ކޮންޓްރޯލުން ޕައިލެޓަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދެވަނަ ފަހަރަށް ޖައްސަން އައި މަގުމަތީގައި، ބޯޓު އިތުރަށް މައްޗަށް ނަގަން އެއާ ޓްރެފިކް ކޮންޓްރޯލުން ބުނުމުން، ތިމަންނާއަށް ވާނެއޭ ޕައިލެޓް ބުނި. މާ ބޮޑަށް އޯވާ ކޮންފިޑެންޓްވީ،" ހާން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ހާދިސާގެ ފުރިހަމަ ރިޕޯޓު އަހަރެއްހާ ދުވަހުގެ ތެރޭގައި އާއްމު ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ހާދިސާއެއް ތަކުރާރުވިއަ ނުދިނުމަށްޓަކައި، ޕާކިސްތާނު އެއާލައިންސްގެ ހިންގުން ހަރުދަނާކޮށް، އުސޫލުތަކަށް ތަބާނުވާ ޕައިލެޓުންނާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް ހާން ވިދާޅުވި އެވެ.