އިލެކްޝަންސް ކޮމިޝަން

ސުޕްރީމް ކޯޓުން އީސީގެ އިހްތިސޯސަށް ވަން: ޝަރީފު

ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ވަދެފައި އެބަ ހުރި ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިޓީގައި މެންބަރުން އެއްސެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކާއި ގައިޑްލައިންތަކުގައި ގާނޫނު އަސާސީން އީސީގެ މައްޗަށް ދީފައިވާ މެންޑޭޓްގައި ހިމެނޭ ބައެއް ކަންކަން ކުރަން ވެސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އެކަން އޭނާ ސިފަ ކުރެއްވީ އީސީގެ މެންޑޭޓް ތެރެއަށް ސުޕްރީމް ކޯޓުން ވަނުން ކަމަށެވެ.

އެ ގޮތުން، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން އިންތިހާބާ ގުޅުން ހުރި ކަންކަން ކުރަންވީ ގަޑި އާއި ވަގުތު ވެސް އަންގާފައިވާ ކަމަށާއި މީގެ ކުރީގެ އިންތިހާބުތަކެއްގައި ވެސް އީސީގެ މެންޑޭޓުގައި ހުރި ކަންކަން ކުރުމުގައި އަމަލު ކުރަންވީ ގޮތްތައް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިހާބާ ގުޅިގެން ކަންކަން ކުރާނެ ވަގުތު ކަނޑައެޅުމަކީ އީސީގެ ގާނޫނުން އެ ކޮމިޝަނަށް އޮންނަ މެންޑޭޓެއް. އޭގެ ސަބަބުން ސުޕްރީމް ކޯޓުން ކަމެއް ނިންމާފައި އޮތް އިރުގައި ގަޑިއާއި ވަގުތާ ދީފައި އޮތުމުން އަޅުގަނޑުމެންނަށް ގަޑިއަށް ފެއްތުމަށްޓަކައި އަޅުގަނޑުމެން ހޭލައި ތިބެގެން މުވައްޒަފުން ނެރެގެން ކުރަން ޖެހުނު،" ޝަރީފު ވިދާޅުވި އެވެ."އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަކަށް ސުޕްރީމް ކޯޓުގެ ނިންމުމަކަށް ގޮންޖަހައެއް ނުލެވޭނެ، ނަމަވެސް ސުޕްރީމް ކޯޓުން ވެސް ގަބޫލު ކުރަން ޖެހޭނެ އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަންކަން ކޯޓުން ނިންމުމުގައި ވިސްނަން ޖެހޭނެ ކަމަށް،"

އަޅުގަނޑުމެންނަކަށް ސުޕްރީމް ކޯޓުގެ ނިންމުމަކަށް ގޮންޖަހައެއް ނުލެވޭނެ، ނަމަވެސް ސުޕްރީމް ކޯޓުން ވެސް ގަބޫލު ކުރަން ޖެހޭނެ އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަންކަން ކޯޓުން ނިންމުމުގައި ވިސްނަން ޖެހޭނެ ކަމަށް
އަހުމަދު ޝަރީފު | އީސީގެ ރައީސް

ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންގެ އެއްވެސް ކަމެއް ބާތިލު ކުރުމަށް އީސީން ކޯޓުގައި އެދިފައިވޭތޯ މެންބަރު ސުވާލު ކުރެއްވުމުން ޝަރީފު ވިދާޅުވީ އެ ގައިޑްލައިންގައި ހިމެނޭ ބައެއް ކަންކަން މިހާރު ގާނޫނު ތެރޭގައި ހިމެނިފައިވީ ނަމަވެސް ގާނޫނުގެ ތެރޭގައި އަދިވެސް ނުހިމެނި ހުރި ކަންކަމާ ގުޅިގެން އަމަލު ކުރަންވީ ގޮތަކާ މެދު ކޮމިޝަންގެ ފަރާތުން ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގައި އެދުނު ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކާއި ގައިޑްލައިންތަކުގައި އީސީން ކަން ބޮޑުވާ ކަންކަން އެބަ ހުރި ކަމަށް ޝަރީފު ވިދާޅުވި އެވެ. އެ ގޮތުން މިދިޔަ މަޖިލީހުގައި ގޮނޑީގެ ސައްހަކަމާ މެދު ސުވާލު އުފެދުނު 12 މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން އެކި ފަހަރު މަތިން އެކި ގޮތަށް އަމުރު ނެރުމުން އީސީން ކަންކަން ތަންފީޒު ކުރަން ދަތިތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.

"12 މެންބަރުންގެ މައްސަލާގައި އީސީން ނިންމިން އެ ދާއިރާތަކުގައި ބައި އިލެކްޝަން ބާއްވަން، އަދި އެ ކަން އަންގައި ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވިން، އެ ކަމުގައި ކޯޓުން ދެން ކަނޑައެޅީ 12 މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދިވެސް ކަނޑައެޅިފައި ނުވާ ކަމާއި ވަކި ގޮތެއް ކަނޑައަޅަން ދެން ކޮމިޝަނުން ފޮނުވި ސިޓީ ބާތިލު ކުރަން، މި ލެވެލްގައި މައްސަލަތައް ހުރީ،" ޝަރީފު ވިދާޅުވި އެވެ.