ރައްޔިތުންގެ މަޖިލިސް

ކްރިމިނަލް ކޯޓުގެ ރިޕޯޓު ކޮމިޓީއަށް ފޮނުވައިފި

ކްރިމިނަލް ކޯޓުގެ ނުނިމި ދިގުދެމިގެންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ދެ ކަމެއް ހުށަހެޅުނެވެ. މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވީ ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ. އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވީ ކޯޓުގައި ހުރި މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދިރާސާކޮށް އެ ކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ވެސް ޖުޑިޝަރީ ކޮމިޓީއާ ހަވާލު ކުރުމަށެވެ.

ރޮޒައިނާގެ ހުށަހެޅުއްވުން މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުއްވުމާ ދެކޮޅަށް 21 މެންބަރަކު ވޯޓު ދެއްވި އެވެ.

އަލީ އާޒިމްގެ ހުށަހެޅުއްވުން މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފު ފޮނުއްވި ސިޓީއެއްގައި ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ތިން މެންބަރުންގެ ކޮމިޓީއަކުން ކުރި ދިރާސާތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ސިޓީއާއެކު ފޮނުވާފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދެވެން އޮތް އެއްބާރުލުމެއް ދެއްވުމަށް ސިޓީގައި އެދިފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އެކުލަވައިލި ރިޕޯޓުގެ މަސައްކަތް ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންނަކީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި، ފަނޑިޔާރު އަބްދުއް ރައޫފު އިބްރާހިމްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ.

ޖޭއެސްސީގައި ވެސް އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ އަމާޒަކީ ކޯޓުތަކުގައި ދިގު ދެމެމުންދާ މައްސަލަތައް ނިމިގެން ދިއުމެވެ. އެހެންކަމުން ކޮމިޝަނުން އެދެނީ ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިގެން ނަމަވެސް ދިރާސާކޮށް އެކަމުގައި މަޖިލީހުން ޖޭއެސްސީއަށް ދެވެން އޮތް މަޝްވަރާއެއް ނުވަތަ ލަފައެއް ދިނުމަށެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި މިހާރު ހިނގަމުން ދަނީ 1910 މައްސަލައެކެވެ. އޭގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، 5 އަހަރަށްވުރެ ގިނަ ދުވަސްވެ 10 އަހަރު ހަމަނުވާ 126 މައްސަލައެއް ހިމެނެ އެވެ.