ހަބަރު

މަރު ސާބިތު ކުރުން ހަރުދަނާކުރަން ޕްރޮގްރާމެއް ބާއްވައިފި

Jul 30, 2019

މަރުވުމަށް ދިމާވާ ސަބަބު ބަޔާންކޮށް މަރު ސާބިތު ކުރުމާބެހޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމުގައި މާލެއާ ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ 80 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ބައިވެރިވެފައި ވެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް މަރު ސާބިތުކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާއި އެއްގޮތަށް މަރު ސާބިތުކުރުމާއި އެ މަސައްކަތް މޮނީޓާ ކުރާނެ ގޮތާއި ބެހޭ ގޮތުން ތަމްރީން ދިނުން ކަމަށެވެ. އަދި ޕްރޮގްރާމްގައި ތަމްރީނު ދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މާހިރުން ކަމަށެވެ.

ތަމްރީން ޕްރޮގްރާމަށްފަހު، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި އަލަށް ވަޒީފާއަށް ނިކުންނަ ޑޮކްޓަރުންނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަން ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ޑޮކްޓަރުންވެސް ހާއްސަކުރެވު ކަމަށެވެ. އަދި މަރު ސާބިތުކުރުމާ ބެހޭގޮތުން އުސޫލެއްވެސް އެކުލަވާލެވިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލާއި ގުޅިގެން އަލަށް ތަމްރީން ކުރެވޭ ޑޮކްޓަރުންގެ މުގައްރަރުގައި މި ތަމްރީން ހިމެނުމަށްވެސް ރޭވިފައިވާ ކަމަށެވެ.