ފަޒްނާ އަހުމަދު

ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

Jul 30, 2019

އދ. ކުޑަކުދީންގެ ފަންޑު (ޔުނިސެފް) ގެ ފަރާތުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު މިސް ޖީންގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުންނާއި، މިސް ޖީން ގޯ މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މިސް ގޯގެ ވާހަކަފުޅުގައި ކުޅިވަރު މެދުވެރިކޮށް ކުދިންގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ނަގައިދީ، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދީ، ދިރިއުޅުމުގައި މޮޅާއި ދެރަ ގަބޫލު ކުރަން ދަސްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އެ މަސްއޫލިއްޔަތު އެކަމަނާ އުފަލާއެކު ގަބޫލުފުޅު ކުރައްވައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ޔުނިސެފް ފަދަ ޖަމިއްޔާއެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވުމަކީ އުފާވެރި އިއްތިފާގެއްކަމަށް ވިދާޅުވި އެވެ.