ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ހަވާލުވެވަޑައިގަންނަވަނީ އެވެރެޖްކޮށް ވަރަށް މަދު މައްސަލަތަކަކަށް ކަމަށާއި އެހެން ގާޒީއިން ބުރަ ބޮޑުވާ ގޮތަށް އޭނާ އަމަލުކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.
މިއަދު ޖޭއެސްސީއިން ވަނީ ކުރިމިނަލް ކޯޓުގެ ނުނިމިއިރު މައްސަލަތަކާއި އޭގެ ތަފްސީލް ހިމެނޭ ރިޕޯޓެއް އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައި މި އަހަރު އެ ކޯޓުގެ ގާޒީއިން ހަވާލުވެފައިވާ މައްސަލަތައް ވެސް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް އިސް ގާޒީ ހައިލަމް ހަވާލުވެވަޑައިގެންފައިވަނީ އެންމެ ހަ މައްސަލައާ އެވެ. އެހެން ގާޒީއިންނަށް ބަލާއިރު ކޮންމެ ގާޒީއަކަށް ވެސް 20 އަށްވުރެ ގިނަ މައްސަލަ ހަވާލުކޮށްފައިވެ އެވެ. އެންމެ ގިނަ މައްސަލަ ހަވާލުކޮށްފައިވަނީ ގާޒީ އަލީ އާދަމްއާ އެވެ. އެއީ 45 މައްސަލަ އެވެ.
މީގެއިތުރުން ޖުލައި މަހުގެ އެއްވަނަ ދުވަހު ކޯޓަށް ވަޑައިގެންނެވި ގާޒީ އަހުމަދު ޝަކީލަށް 28 މައްސަލައެއް ހަވާލުކޮށްފައިވެ އެވެ.
އެކަން ޖޭއެސްސީގެ ރިޕޯޓްގައި ވަރަށް ބޮޑަށް ފާހަގަކޮށްފައިވެ އެވެ. ކޯޓުތަކުގައި މައްސަލަތައް ބެހުމާއި ހަވާލުކުރުން ހަވާލުވެފައި އޮންނަނީ އެ ކޯޓެއްގެ އިސް ގާޒީއަށެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެކަމުގައި އިސް ގާޒީ ހަރުދަނާ އުސޫލެއް ނުގެންގުޅެ އެވެ. އެގޮތުން އަމިއްލައަށް ހަ މައްސަލައާ ހަވާލުވެ، އެހެން ގާޒީއިންނަށް އެވެރެޖްކޮށް 31 މައްސަލަ ހަވާލުކޮށްފައިވަނީ އުސޫލެއް ނެތި އެހެން ގާޒީންނަށް ބުރަ ބޮޑުވާ ގޮތަށެވެ. އަދި މައްސަލަތައް ލަސްވަމުންދާ ސަބަބު ރަނގަޅު އިސް ގާޒީ މޮނީޓާކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އެކަންކަން ރަނގަޅު ކުރުމަށް އިސް ގާޒީއަށް ދަންނަވަން ރިޕޯޓްގައި ވަނީ ލަފާ ދީފަ އެވެ.
ކުރިމިނަލް ކޯޓުގައި ނުނިމި 1910 މައްސަލައެއް ނުނިމި އޮތްކަން ހާމަވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ގާޒީ އަލީ އާދަމްގެ މައްސަލަތަކެވެ. އެއީ 376 މައްސަލަ އެވެ. ގާޒީ ހައިލަމްގެ އަތުގައި ވެސް ނުނިމި 141 މައްސަލަ އެބަ އޮތެވެ. ނުނިމި ގިނައިން ހުރި މައްސަލަތަކަކީ މުހުތާޒް ފަހުމީ ހަވާލުވި މައްސަލަތަކެވެ. އޭނާ ވަނީ އަމިއްލައަށް އެދުމުގެ މަތިން ޑްރަގް ކޯޓަށް ބަދަލުކޮށްފަ އެވެ. އެ މައްސަލަތައް އެހެން ގާޒީއިންނާ ހަވާލުކުރީ އޭގެ ފަހުންނެވެ.
ރިޕޯޓްގައި މައްސަލަތައް އަވަސްކުރުމަށް ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ދުވަސްވީ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ތާވަލު ހެދުމަށް އަންގަން ވަނީ ނިންމާފަ އެވެ. ޖުވެނައިލް އަދި ޑްރަގް ކޯޓުގެ ގާޒީއިން ކުރިމިނަލް ކޯޓަށް ވަގުތީ ގޮތުން ގެންދަން ވެސް ލަފާ ދީފަ އެވެ.
އޭގެއިތުރުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅޭ އުސޫލުން ހަމަހަމަ އުސޫލުން ބެހުމަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ. މިގޮތަށް އަމަލު ނުކުރާ ގާޒީއިންގެ ސުލޫކީ މައްސަލަ ބަލަން ނިންމާނެ ކަމުގެ އިންޒާރު ވެސް ރިޕޯޓްގައި ދީފައިވެ އެވެ. މި ރިޕޯޓް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފަ އެވެ.