ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސްވެރިކަމުގެ ބިލެއް ރައީސް މަޖިލީހަށް ފޮނުއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މަސްވެރިކަމާ ބެހޭ ބިލެއްް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ރައީސް ހުށަހެޅުއްވި މަސްވެރިކަމާ ބެހޭ ބިލަކީ މަސްވެރިންގެ ހިޔާށް ރިއާޔަތްކޮށް، އެ ދާއިރާގައި ހަރާކާތްތެރިވާ ތަޖުރިބާކާރުންގެ އިރުޝާދާއެކު ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ.

ރައީސް ފޮނުއްވި ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެން ނުވާނެ ކަމުގައި ބަޔާން ކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ހާއްސަ ކަނޑުތަކެއް ކަމުގައި ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރަނިކޮށް ހުއްޓުވާ ބޭރުގެ އުޅަނދުތަކާ މެދު އަމަލު ކުރާނެ ގޮތުގެ ހަމަތަކާއި އެފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ މާއްދާއެއް ވެސް ބިލުގައި ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް ޖޫރިމަނާ ކުރާނެ ސީދާ އަދަދެއް ރައީސް އޮފީހުގެ ބަޔާނަކު ނެތެވެ.

ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަން ރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އެ ގޮތުން ބޮޑު ދަލުގެ މަސްވެރިކަމާއި، އޮޔާދާ ދަލުގެ މަސްވެރިކަން ނުވަތަ ގިލް ނެޓްގެ މަސްވެރިކަމުގެ އިތުރުން ޓްރޯލް ނެޓް ނުވަތަ ދަމާ ދަލުގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުކުރެވޭނެ ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

އެ ބިލުގެ ދަށުން މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސްއެއް ކަނޑައެޅުމުގެ ބާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ އަގު ކަނޑައަޅާނީ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި މާހިރުންގެ އިރުޝާދުގެ މަތިންނެވެ.

އޭގެ އިތުރުން ވެސް ރައްޔިތުންނާ ގާތުން މަސް ޕްރޮސެސްކޮށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގޭދޮށުގައި އަޅާ މަސް ޕްލާންޓް އަދި މަސް ގަތުމުގައި މަސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ ކަންކަން ވެސް އެ ބިލުން މަގުފަހިވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަސްވެރިކަމާ ބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް މަސްވެރިކަމުގެ ފަސް ގަރާރެއް ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ހަތަރު ގަރާރެއް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވާއިރު، އަނެއް ބިލުގައި ކުރިއަށް ދަނީ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ.

މަޖިލީހުން މިހާތަނަށް ބަލައިގަތީ، މާ ކަނޑުގައި ކަންނެލި ޖަގަހަތަކެއް ގާއިމު ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ގަރާރާއި، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރާއި، ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރާއި، ރަށު ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމު ކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރެވެ.

އިބްތިދާއީ ބަހުސްގެ މަރުހަލާގައި އޮތް ގަރާރަކީ އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ގޮވާލައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ގަރާރެއް ހުށަހަޅުއްވާފައިވެ އެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމުން އެ ގަރާރު ވެސް ތަޅުމަށް ބަލައިގަންނާނެ ކަމަށް ބެލެވެ އެވެ.