ހަބަރު

މީހެއްގެ ކަރަށް ހެރުނު ފަރުތޮޅި ތުނގަނޑެއް ނަގައިފި

މަސްވެރިކަމުގައި އުޅުނު މީހެއްގެ ކަރަށް ހެރި އެތެރެއަށް ބިނދިފައި ހުރި ފަރުތޮޅިއެއްގެ ތުންގަނޑެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކާމިޔާބު ކަމާއެކު ނަގައިފި އެވެ.

އެ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މީހެއްގެ ކަރަށް ހެރިފައި އިން ފަރުތޮޅިއެއްގެ ތުންގަނޑުގެ ބައެއް ކާމިޔާބުކަމާއެކު ނަގާފައިވާ ކަމަށާއި، އެ ހޮސްޕިޓަލުގެ ކަރުމަތީގެ އޮޕަރޭޝަން ޑޮކްޓަރުން އެބައި ނަގާފައިވަނީ އެމީހާގެ ކަރުގެ އާޓެރީ ކައިިރިން ކަމަށެވެ.

އެ ހޮސްޕިޓަލުގެ އެނެސްތީސިއާ ޓީމުން އެނެސްތީސިޔާގެ ކަންކަން ކޮށްފައިވަނީ ވަރަށް ފަރުވާތެރިކޮށް ކަމަށާއި، ބޮޑު ގެއްލުމެއް ނުލިބި އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ސަރުކާރުގެ މައި ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ ޓުވީޓް

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާގެ ކަރަށް އެ ތޮޅީގެ ތުން ހެރުނީ މަސް ބާނަން ހުއްޓާ ކުއްލިއަކަށް އެ ތޮޅި ފުންމައިގެން އެރި ވަގުތު އެއިން ރެކި ނުގަނެވެނީހެވެ. ރާއްޖޭގައި ފަރުތޮޅީގެ ސަބަބުން މީގެ ކުރިންވެސް އެކި ވަރުގެ އަނިޔާތައް މީހުންނަށް ލިބިފައި ވެއެވެ. ހާއްސަކޮށް، ފީނާ މީހުންނަށް ފަރުތޮޅީގެ ސަބަބުން ބޮޑެތި ޒަހަމްތައް ލިބި ފުރާނައަށް ވެސް ނުރައްކާވެފައި ވެއެވެ.