އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކުގެ ހިއްސާއަށް ތަރުހީބު ބޮޑު

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ހިއްސާއަށް ފުރަތަމަ ދެ ދުވަހު އެކަނި ވެސް މާލެއިން ގިނަ އަދަކަށް ހިއްސާ ވިކިއްޖެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު މިއަދު ވިދާޅުވީ ފުރަތަމަ ދެ ދުވަހުގެ ވިއްކަން އަމާޒު ކުރި ޓާގެޓާ އަޅާބަލާއިރު އެއީ ބޮޑު އަދަދެއް ކަމަށެވެ.

"ފުރަތަމަ ދެ ދުވަހު ހިއްސާ އަށް ލިބުނު ތަރުހީބު ވަރަށް ބޮޑު. ކުންފުނިތަކުން ވެސް އަންނަނީ ހިއްސާ ގަންނަން ޝައުގުވެރިކަން ފާޅު ކުރަމުން." މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވި އެވެ.

އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ހޯދަން ޓާގެޓް ކޮށްފަ އެވެ. ޖުމަލް ހިއްސާގެ ތެރެއިން 31 ޕަސެންޓް ވިއްކަން ނިންމާފައިވަނީ ޕަބްލިކް އަށެވެ.

އެމްއައިބީ އިން ހިއްސާ ވިއްކާ ހުޅުވާލާއިރު، މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ބޭންކުން ވަނީ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމް ބަލައިގަންނަން ކަލެކްޝަން ސެންޓަރެއް ހުޅުވައިފަ އެވެ. ކަލެކްޝަން ސެންޓަރު ހުންނާނީ މެޑިކާ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ މ. ފާމުދޭރި ބިލްޑިންގް ގައެވެ.

އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް ވެސް ހިއްސާ ގަނެވޭނެ އެވެ. ހިއްސާ ގަތުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާއިފަވެ އެވެ.