ލައިފްސްޓައިލް

ދުބާއީގެ އިންފިނިޓީ ޕޫލް: އެންމެ ފުރިހަމަ ޕޫލަށްވާނެ!

ދުބާއީގެ ފަހުރެއް ކަމަށް ދެކޭ ޖުމެއިރާ އައިލެންޑްސް މަތިން ބަލާލާއިރު ސިފަ ވާނީ ރުކެއް ހެނެވެ. ރުކުގެ ފަންތައް ފެތުރިފައި ހުންނަ ގޮތުގެ ފުރިހަމަކަން ފެންނާނީ މަތިންދާބޯޓުން ދާ މީހުންނާއި ހެލިކޮޕްޓަރުތަކުގައި އެ ސަރަހައްދު މަތިން އުދުހިފައިދާ މީހުންނަށެވެ. އެކަމަކު، ކުރިއަށް ހުރި ދުވަސްތަކުގައި މި މަންޒަރު ބަލާލުމަށް އެއްޗަކަށް އަރައި އުދުހިފައި ދާކަށް ނުޖެހެ އެވެ. ދުބާއީގެ ޕާމް ޓަވަރުގައި ދުނިޔޭގެ އެންމެ ބޮޑު އިންފިނިޓީ ޕޫލް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަަށާފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އިންފިނިޓީ ޕޫލްތަކުގެ ލިސްޓަށް އިތުރުވާ މި ޕޫލް ހެދުމުގެ މަސައްކަތް ފަށާ ނިމުމަކާ ހިސާބަށް މިހާރު ވަނީ ގެނެސްފަ އެވެ. މިއީ 775 ސްކޮޔާ މީޓަރު އަދި 930،000 ލީޓަރު، އަދި ބިމުން މަތީ 210 މީޓަރު (689 ފޫޓު) އުހުގައި ހަދާ ޕޫލެވެ.

ދުބާއީގެ އެންމެ ކާމިޔާބު ޓްރެވަލް އެޓްރެކްޝަނަކަށް ވާނެ މި އިންފިނިޓީ ޕޫލްއިން 360 ޑިގްރީގެ ވިއު އެއް ފެންނާނެ އެވެ. ޕާމް ޓަވަރުގެ 50 ވަނަ ފްލޯގައި ތަރައްގީކުރާ މި ޕޫލްގެ މަސައްކަތް ނިމޭ އިރު ހަރަދަށް 327 މިލިއަން ޑޮލަރު ހޭދަ ވާނެ ކަމަށް ވެއެވެ. މި ޕޫލް ތަރަައްގީ ކުރާ ޕާމް ޓަވަރަކީ 52 ފްލޯގެ ލަގްޒަރީ ހޮޓަލެކެވެ.

އިންފިނިޓީ ޕޫލްގެ މަތީ ފްލޯގައި ރެސްޓޯރަަންޓެއްއް، އަދި އެންމެ މަތީ ފްލޯގައި ޕަބްލިކް ވިއުއިން ޑެކެއް ހަދަން ވެސް ވަނީ ނިިންމާފަ އެވެ. ޕޫލާއި ޕޫލްގެ މައްޗަަށް ހުރި ދެ ފްލޯ އެއްކޮށްލައިގެން "ދަ ވިއު އެޓް ދަ ޕާމް" ކިޔޭނެ އެވެ.

މި ޕްރޮޖެކްްޓުގެ މަސައްކަތް ކުރި ދުބާއީގެ ޕްރޮޕަޓީ ޑިވެލޮޕަރު "ނަޚީލް" ގެ މެނޭޖިން ޑިރެކްޓަރު އޮމަރު ޚޫރީ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ތަން އެއްކޮށް ނިމުމުން ވެގެންދާނީ ދަގަތްފާނަށް ދަނގަނޑު ދަމާފަދައިން ޓުއަރިސްޓުން ދަަމައިގަންނަ އެޓްރެކްޝަނަކަށް ވެގެން ދާނެ އެވެ. ނަމަވެސް، އިިންފިނިޓީ ޕޫލް އިމާރާތްކޮށް ނިންމުމަށް ބޮޑެތި ދަތި ތަކާ ކުރިމަތިވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އޮމަރު ވިދާޅުވި ގޮތުގައި އެ ސަރަަހައްދުގެ ވައި ބާރު ވުމާއި މެޓީރިއަލްތައް އުފުލުމުގައި އުނދަގުލާ ކުރިމަތިވި އެވެ. މެޓީރިއަލްސް އުފުލަން އެކަނި ވެސް 300 މީޓަރުގެ ދިގު ޓަވާ ކެރޭނު ބޭނުންވި އެވެ. ދެހާހާ ގާތް ކުރާ އަދަދުގެ ބިއްލޫރި އާއި 1200 ޓަނުގެ ދަގަނޑުވެސް އުފުލަން ޖެހުނެވެ.

ދުބާއީ އިންފިނިޓީ ޕޫލްގެ ސްްޓްރަކްޗަރަލް މަސައްކަތުގެ ރޫފް ޓޮޕް ބައި މިހާރު ވަނީ ނިންމާފަ އެވެ. ޕޫލް ވަށައިގެން ޖަހާ ބިއްލޫރީގެ 60 ޕަސެންޓު ވެސް ނިމިފައިވެ އެވެ. ޕޫލް އެއްކޮށް އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް ޑިވެލޮޕަރުން ބުނެ އެވެ.

މިހާރު ދުނިޔޭގެ އެންމެ އުސް އިންފިނިިޓީ ޕޫލަކީ މިހާރު ރެކޯޑު ކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ މަރީނާ ބޭ ސޭންޑްސް ހޮޓެލުގެ 57 ވަނަ ފްލޯގައި ހުންނަ އިންފިނިޓީ ޕޫލް އެވެ. އެ ޕޫލް އަަކީ 340 މީޓަރު އުހުގައި ހަދާފައިވާ ޕޫލް އެކެވެ.