މަތިންދާބޯޓުން ދަތުރުކުރަން ބިރުގަންނަ ވަރަށް ގިނަ މީހުން އުޅެ އެވެ. އަދި އާއްމުކޮށް ބިރު ނުގަތަސް ޓާބުލަންސެއްގައި ޖެހި ބޯޓު ތަޅުވަން ފެށީމަ ބިރުގަންނަ މީހުން ވަރަށް ގިނަ އެވެ. ޓާބުލަންސެއްގައި ބޯޓު ތަޅުވައިގަންނަ ވަގުތު ސީޓު ބެލްޓް ނާޅާ ކޮޅަށް ހުރެއްޖެނަމަ ވަރަށް ބޮޑެތި އަނިޔާތައް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރަށް ޓާބުލަންސްއެއް އަންނަނީ ކުއްލިއަކަށެވެ. މިފަދަ ހާލަތުގައި ސީޓު ބެލްޓް އަޅާނެ ވަގުތެއް ނުލިބެ އެވެ. ކިއުބާ އިން މެންޗެސްޓާއަށް ދަތުރުކުރި ތޯމަސް ކުކް ފްލައިޓެއްގެ އެޓެންޑެންޓަކަށް ވެސް އަނިޔާ ލިބުނީ ކުއްލިއަކަށް ބޯޓު ޓާބުލަންސެއްގައި ޖެހުނީމަ އެވެ.
އެއާ އެޓެންޑެންޓް އެޑެން ގެރިޓީ އަކީ ވަރަށް ގިނަ ދަތުރުތައް ކޮށްފައިވާ ތަޖުރިބާކާރު ކުރޫ އެއް ނަމަވެސް އެ ދުވަހު ދިމާވި ޓާބުލަންސަކީ މިހާތަނަށް އޭނާއަށް ކުރެވުނު އެންމެ ގޯސް ތަޖުރިބާ އެވެ. އެދުވަހު ބޯޓު ތޫފާނެއްގައި ޖެހި ކުއްލިއަކަށް 500 ފޫޓު މައްޗަށް އެރީ އެވެ. އެ ވަގުތު އެޑެން ވެއްޓި ފައިގެ ކުޑަހުޅު ހަތް ތަނުން ވަނީ ބިންދައިގެން ގޮސްފަ އެވެ.
މިއީ ވަރަށް ދިގު ފްލައިޓަކަށް ވާތީ ބޯޓު ރަންވޭއަށް ޖެއްސީ ހާދިސާ ހިނގިތާ ހަތް ގަޑިއިރު ފަހުންނެވެ. އެހާއިރު ވަންދެން އެޑެން އަށް އެއްވެސް ފަރުވާއެއް ނުލިބި ވޭނުގައި އޮންނަން ޖެހުނެވެ.
އިނގިރޭސި ވިލާތުގެ ނޫހަކަށް އެޑެން ކިޔައިދިން ގޮތުގައި އެއީ ވަރަށް ބިރުގަތް ވަގުތެކެވެ. ތޫފާނުގެ ބާރުގަދަކަމުން ބޯޓު 500 ފޫޓު މައްޗަށް އެރީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. ޓާބުލަންސްގެ ސަބަބުން އޭނާގެ ފައި އިނީ ބިންމަތީގައި ފިތިފަ އެވެ. އެއްވެސް ގޮތަކަށް އެފައި ގުޑުވާވެސް ނުލެވުނެވެ.
"މަގޭ ފައި އިނީ ބިންމަތީގައި ރަނގަޅަށް ލޮކްވެފަ. އަދި ފައިގެ ކުޑަހުޅު ކައިރީގައި ހުރި ހުރިހާ ކަށިތައް އެ ބާރުގައި ބިނދުނީ. އެންމެ ކުރިން ނޭނގުނު ވީގޮތެއް. ތެދުވެ ހިނގައިގަންނަން އުޅެ ނުހިނގި ވެއްޓުނީމަ އެނގުނީ ކުޑަހުޅު ބިނދިފައިވާކަން،" އެޑެން ބުންޏެވެ.
އެޑެން ހުރި ބޯޓަށް އެ ދުވަހު ލައްވާލީ ވަރަށް ބާރުގަދަ ގަނޑުފެނުގެ ތޫފާނެކެވެ.
"ފަހުން ޕައިލެޓް އަހަރެން ކައިރީ ބުނި ބޯޓުގެ ބޭރުވެސް އޮތީ މުޅިން ކަޅުކޮށޭ. އޭނާއަށް އެއްވެސް ތަނެއް ނުފެނެއޭ އެވަގުތު. މިއީ ކުރޫ މެމްބަރެއްގެ ގޮތުގައި އަދި ފަސިންޖަރެއްގެ ގޮތުގައި ވެސް އަހަރެންނަށް ކުރިމަތިވީ އެންމެ ވަރުގަދަ އަދި އެންމެ ބިރުވެރި ޓާބުލަންސް،" އެޑެން ބުންޏެވެ.
އެޑެން އަށް އަނިޔާވެފައިވާތަން ފެނިފައި ބޯޓުގައި ތިބި ފަސިންޖަރުން ތިން ގޮނޑި ހުސްކޮށްފައި އޭނާ އެތަނުގައި ނަގާ ބާއްވާދިނެވެ. މިހާރު ދަގަނޑު ފްރޭމެއް ފައިގައި އަޅުވާފައި ހުރިއިރު އަދިވެސް އޭނާއަށް ހިނގޭނީ ދެ މަސް ފަހުން ޑޮކްޓަރުން ބުނެފައިވާ ކަމަށް އެޑެން ބުންޏެވެ.
އެޑެންގެ ފަރުވާގެ ކަންތައްތައް ބަލަހައްޓަމުންދިޔައީ ތޯމަސް ކުކް އިންނެވެ. ނަމަވެސް އެޑެން އަދި އިތުރު ހިތްދަތިކަމެއް މިހާރު ވަނީ ތަޖުރިބާ ކުރަން ޖެހިފަ އެވެ. ތޯމަސް ކުކް ބަނގުރޫޓްވުމުން އެޑެންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަންނަ އަހަރު އޭނާގެ ފައިގެ އަދި އެއް ސާޖަރީ ހަދަން ޖެހިދާނެކަމަށް ޑޮކްޓަރުން ބުނެފައިވާއިރު އެކަމަށް ދާނެ ޚަރަދާ ހަވާލުވާނެ ފަރާތެއް ވެސް ނެތެވެ.