ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ފަރާތުން ފައިސާ ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އީސީގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ ތިން ގޮތަކަށް ބަހާލައިގެން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ކޮމިޝަންގެ ވިސްނުމެއް އެބަ އޮތް ކަމަށެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ފުރަތަމަ ގޮތަކީ މިހާރު ވެސް ފައިސާ ދޫކުރަމުންދާ ގޮތަށް 10000 އަށް ވުރެ ގިނަ މެންބަރުން ތިބި ޕާޓީތަކަށް މެންބަރަކަށް ވަކި އަދަދެއް ލިބޭ ގޮތަށް ފައިސާ ދޫކުރެމެވެ. ދެވަނަ ގޮތަކީ އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ވޯޓު އަދަދަށް ފައިސާ ދޫކުރުމެވެ. އަދި ތިންވަނަ ގޮތަކީ ހުރިހާ ޕާޓީތަކަށް ވެސް އިދާރީ ބަޖެޓެއްގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދޫކޮށްދިނުމެވެ.
"މި ބަދަލުތައް ގެންނަން އިލެކްޝަންސް ކޮމިޝަނަށް ފެންނަނީ ސިޔާސީ ޕާޓީތަކުގެ އަސްލު މަގްސަދު ހާސިލު ކުރުމަށް އެއްބާރުލުން ދިނުމަށް، ކޮމިޝަނަށް ގަބޫލު ކުރެވޭ ގޮތުގައި ޕާޓީތަކުގެ އަސްލު މަގްސަދަކީ އިންތިހާބުތައް ކާމިޔާބު ކުރުން، އަދި އެއީ ދުނިޔޭގެ ގިނަ ގައުމުތަކުން އަމަލު ކުރަމުންދާ އުސޫލެއް،" އަކްރަމް ވިދާޅުވި އެވެ.
ޕާޓީތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓާ ޖެނެރަލަށް ހުށަހަޅާ ގޮތަށް ހަދަނީ
އަކްރަމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޕާޓީތަކުން ފައިސާ ހަރަދު ކުރާ ގޮތް ބަލާނެ ހަރުދަނާ ނިޒާމެއް ނެތެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން އެ ޕާޓީތަކުގެ އޮޑިޓް ރިޕޯޓްތައް އަހަރަކު އެއް ފަހަރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެ ގޮތަށް އޮތް ނަމަވެސް ސިޔާސީ ޕާޓީތަކުގެ ފައިސާ ހަރަދު ކުރެވޭ ގޮތް މޮނިޓާކޮށް ބެލޭނެ ގޮތެއް ނޯންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެ ގޮތުން ޕާޓީތަކުގެ ފައިސާ ހަރަދު ކުރާ ގޮތް ބަލައި މޮނިޓާ ކުރުމަށް، އީސީގެ ވިސްނުމަކީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓްތައް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުް ދޫކުރާ ފައިސާ ހަރަދުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވާނަމަ އެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ޖެހޭ ގޮތަށް ވެސް ގާނޫނަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އީސީން ގެންނަން ބޭނުންވާ އިސްލާހުތަކުގެ ކޮޕީއެއް ތައްޔާރުކޮށް ވަރަށް އަވަހަށް ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.