ހަބަރު

ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 14 މިލިއަން ރުފިޔާގެ ގެއްލުން

ސަރުކާރުގެ ހިއްސާ އޮންނަ އެމްޓީސީސީއަށް މި އަހަރުގެ ދެވަނަ ކްއާޓާގައި 14 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ދެވަނަ ކްއާޓާގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.

އެމްޓީސީސީން ނެރުނު މި އަހަރުގެ ދެވަނަ ކްއާޓާގެ މާލީ ރިޕޯޓު ދައްކާ ގޮތުން އެ ކުންފުންޏަށް 14 މިލިއަން ރުފިޔާގެ ގެއްލުންވިއިރު މި އަހަރުގެ ފުރަތަމަ ކްއާޓާގައި އެމްޓީސީސީ އަށް ވަނީ 45 މިލިއަން ރުފިޔާގެ ގެއްލުން ވެފައި އެވެ.

މާލީ ރިޕޯޓު ދައްކާގޮތުން ދެވަނަ ކްއާޓާގައި 266 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައި ވެއެވެ. މިއީ ފުރަތަމަ ކްއާޓާގައި ވިޔަފާރި ކޮށްގެން ލިބުނު 210 މިލިއަން ރުފިޔާ އާ އަޅާބަލާއިރު 56 މިލިއަން ރުފިޔާގެ އިތުރުވުމެވެ.

ދެވަނަ ކްއާޓާގައި ވިޔަފާރިކުރަން 240 މިލިއަން ހަރަދު ކޮށްފައި ވެއެވެ. ފުރަތަމަ ކްއާޓާގައި ވިޔަފާރިކުރަން ހަރަދުކުރީ 214 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއަށް މިދިއަ އަހަރު ވެސް ވަނީ ގެއްލުންވެފަ އެވެ. މިދިއަ އަހަރުގެ ފައިދާ ދަށް ވުމާ ގުޅިގެން އެ ކުންފުނިން ވަނީ މި އަހަރު ހިއްސާދާރުންނަށް ހިއްސާ ނު ބަހަން ނިންމާފައި އެވެ. އެމްޓީސީސީން ބުނީ ގެއްލުންވީ ކުޑަ އަގެއްގައި މަޝްރޫއުތައް ހިންގަން ސަރުކާރުން މަޖުބޫރު ކުުރުމުން ކަމަށެވެ.