ހަބަރު

ޒުވާނުން ހަރުކަށި ފިކުރަށް ދަނީ ސޯޝަލް މީޑިއާގެ ތެރެއިން: މިނިސްޓަރު

ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ވިސްނުން ޒުވާނުންނަށް ހަމައަށް ފޯރުކޮށް ދޭން ބޭނުންކުރަނީ ސޯސަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ފިކުރީ ގޮތުން ހައްދު ފަހަނާ އެޅުމާއި، ޓެރަރިޒަމް ހުއްޓުވަން ބާރު އަޅައި ހިންގި ކޯހެއްގެ ނިމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރުވެސް ޓެރަރިޒަމްގެ ނުރައްކާ ރާއްޖޭގައި ދަނީ ބާރު ސްޕީޑުގައި ފެތުރެމުން ކަމަށާއި ހަރުކަށި ފިކުރުގެ މީހުން ދަނީ، އެމިހުންގެ ފިކުރު ސޯޝަލް މީޑިއާ މެދުވެރިކޮށް ޒުވާނުނަށް ކިޔައިދީ ދިވެހި ޒުވާނުން އެމީހުންގެ އާއިލާއާ ދުރަށް ޖައްސަމުން ކަމަށެވެ.

"ޓެރަރިޒަމްގެ ނުރައްކާ ދަނީ ގެތަކުގެ ދޮރުގައި ޓަކި ޖަހަމުން، މިހާރުވެސް ރާއްޖޭގެ ޒުވާނުން ވަނީ އެމީހުންގެ އާއިލާއާއި ދުރުކޮށްފައި" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ސައުދީ އަރަބިއްޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކިއުރިޓީ ސައިންސަސާ ގުޅިގެން ފެށި ހިންގި ކޯހުގެ ސަބަބުން ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ވިސްނުންތައް ފަތުރަން ބޭނުންކުރާ އުކުޅުތައް ކޯހުގެ ބައިވެރިންނަށް އެނގިގެންދާނެ ކަމަށެވެ. އެހެންކަމުން ދަސްކުރި ފިލާވަޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ރާއްޖެ ޓެރަރިޒަމާ ދުރަށް ގެންދަން މަސައްކަތް ކުރަން ޖެހެނެ ކަމަށެވެ.

ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް ބައިނަލް އަގްވާމީ މުޖްތަމައު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހަރުކަށި ފިކުރު ފެތުރުވުން ހުއްޓުވުމަށްޓަކައި ހޭލުންތެރި ކުރުވުމުގެ ޕްރްގްރާމް ހިންގަން ޖެހޭކަން މިނިސްޓަރު ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ކޯހުގައި ބައިވެރިވި 42 މީހަކަށް މިއަދު ވަނީ ސެޓްފިކެޓް ދީފަ އެވެ.