މޯލްޑިވްސް ޕޮލިސް ސާވިސް

ހަ ކިލޯ މައްސަލަ: ފަސް މީހުންގެ ވަނަވަރު ހާމަކޮށްފި

ޖުލައި 25 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަ ކިލޯ ޑްރާގާއެކު ހައްޔަރު ކުރި މީހުންގެ މައުލޫމާތު މިއަދު ފުލުހުން މިއަދު އާންމު ކޮށްފި އެވެ. ހައްޔަރުކުރި އެ އެންމަނަކީ ވެސް ތަފާތު ކުށްތަކާއި ގުޅިގެން މީގެ ކުރިން ހައްޔަރު ކޮށްފައިވާ މީހުންނެވެ.

ފުލުހުން އާންމު ކުރި ފަސް މީހުންގެ ތެރޭގައި ހިމެނީ އައްޑޫ ސިޓީގެ ތިން މީހަކާއި ހއ. ހޯރަފުށީ ދެ މީހެކެވެ. އޭގެ ތެރޭގައި އައްޑޫއަށް ނިސްބަތްވާ ތިން މީހުންނަކީ ސ. ހިތަދޫ ފިނިވަރު އަބްދުﷲ އިބްރާޙިމާއި ސ. ހިތަދޫ ހުދުވެލި، އަލީ ހަސަނާއި އަދި ސ. ހިތަދޫ ޕޫލްބަހާރު، މުހައްމަދު ފައިސަލެވެ.

މީގެ ތެރޭގައި ހިމެނޭ އަބްދުﷲ އިބްރާހީމަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އަށް ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި ރޭޕް ކުރުމާއި ބަދު އަހުލާގީ އަމަލު ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންވި މައްސަލައިގައި ވެސް އޭނާ ހައްޔަރުކޮށްފައި ވެ އެވެ.

އަލީ ހަސަނަކީ މަސްތުވާތެކެތީގެ މައްސަލައިގައި މީގެ ކުރިން ނުވަ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ ވަނީ މާރާމާރީގެ މައްސަލައަކާއި ގަސްދުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ވެސް ހައްޔަރު ކޮށްފަ އެވެ. ދެން ހައްޔަރުކުރި މުހައްމަދު ފައިސަލަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. މާރާމާރި ހިންގުމުގެ ކުށުގަ އާއި ގަވާއިދާ ހިލާފުވުމުގެ މައްސަލައެއްގައި ވެސް ފައިސަލް ހައްޔަރުކޮށްފައި ވެއެވެ.

ހައްޔަރުކޮށް އަދި މިހާރު ބަންދުގެ މުއްދަތު ޖަހާފައިވާ ހޯރަފުއްޓަށް ނިސްބަތްވާ ދެ މީހުންނަކީ އެރަށު ރަންމުލިގޭ، އަހްމަދު ރައޫފާއި ހޯރަފުށި އާރޯ، އަހްމަދު މަމްދޫހެވެ.

އޭގެ ތެރެއިން ރައޫފަކީ ވައްކަމުގެ ތިން މައްސަލައަކާއި އަމުރަށް ނުކިޔަމަތެރިވުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހެކެވެ. ރައޫފަކީ ވެސް މަސްތުވާތެކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް އެއް ފަހަރު ގެންގޮސްފައިވާ މީހެކެވެ. ދެން ހައްޔަރުކުރި ހޯރަފުއްޓަށް ނިސްބަތްވާ މަމްދޫހަކީ މަސްތުވާތަކެތީގެ މައްސަލަ އެއްގަ އާއި ގޮވާތަކެތި ގެންގުޅުނު ކަމުގެ ކުށުގައި ފުލުހުން ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

ފުލުހުން މި ފަސް މީހުން އަތުލައިގަނެ ހައްޔަރު ކުރި އިރު އެ މީހުންގެ ގެންގުޅުނު ހަތަރު ރަބަރު ގަނޑެއްގައި ރައްކާކޮށްފައިވާ ހަ ކިލޯގެ މަސްތުވާތަކެތި ވެސް އަތުލި އެވެ. މި ފަސް މީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.