ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ފަނޑިޔާރު ޑީޑީގެ އިތުރު މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މިއަދު އެ ކޮމިޝަންގެ މެންބަރުން ބޭއްވި ބައްދަލުވުމަގަ އެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު ޑީޑީއާ ގުޅިގެން އިތުރު ޝަކުވާއެއް ކޮމިޝަނަށް ހުށަހެޅިފައިވާ އޮތުމުން އެ ޝަކުވާގެ މައްސަލަ ވެސް މިހާރު ބަލާ މައްސަލަތަކުގެ ތެރެއަށް އިތުރުކޮށް ޑީޑީގެ މައްސަލަތައް ބަލަމުންދާ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
ފަނޑިޔާރު ޑީޑީއާ ގުޅިގެން ޖޭއެސްސީއަށް މީގެ ކުރިން ހުށަހެޅި ސުލޫކީ މައްސަލަތަކުގައި އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވެއެވެ. އެ ގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި އެކި ފަހަރު މަތިން އެ ފައިސާ ނެންގެވި މައުލޫމާތު ލިބިވަޑައިގެން ހުންނަވާ އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެ އެވެ.
އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ތަހުގީގަށް ހައްޔަރު ކޮށްފައި ހުރި ސ. ހުޅުދޫ މުހައްމަދު ސުވައިދާއި، ސ. މީދޫ އަބްދުﷲ ހައިޝަމް ދޫކޮށްލުމުގައި ފަނޑިޔާރު ޑީޑީ ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިންގި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ޑީޑީގެ މައްޗަށް ކުރާ ތުހުމަތުތަކުގެ މައްސަލަތަކުގައި، އާންމުކޮށް ހުޅުވާލައިގެން ޖޭއެސްސީން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ކޮމެޓީން ދިން ފުރުސަތެއްގެ ތެރެއިން މައްސަލަ ލިޔުމުން ޖަވާބުދާރީވެ ވަޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމާބެހޭ ގޮތުން ހުށަހެޅިފައިވާ އިތުރު ޝަކުވާއެއް ވެސް ބަލަން ނިންމި އެވެ. މިއަދު ބަލަން ނިންމި މައްސަލައާއެކު ޖޭއެސްސީން ދަނީ އޭނާގެ ވެސް ފަސް މައްސަލައެއް ބަލަމުންނެވެ. އަދި ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ބެހޭ ގޮތުން ހުށަހެޅި ތިން ޝަކުވާއެއްގެ މައްސަލަ ބަލަން ވެސް ޖޭއެސްސީން ނިންމާފައި ވެއެވެ.