މޯލްޑިވިއަން

މޯލްޑިވިއަން ބޮޑު ދެ ބޯޓު ގެނެސް ޔޫރަޕަށް އުދުހެން ފަށަނީ

Aug 1, 2019
7

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީތަށް ބޮޑު ދެ ބޯޓު ހޯދައިގެން ޔޫރަޕަށް ދަތުރުތައް ފަށަން ތައްޔާރު ވާން ފަށައިފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އިއްޔެ ބުނެފައިވާ ގޮތުގައި އެ ކުންފުނިން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ވައިޑް ބޮޑީ މަރުކާގެ ދެ ބޯޓު އެ އެއާލައިނަށް ގެންނާނެ އެވެ. އަދި އާ ބޯޓުތަކާއެކު ބޭރުގެ އިތުރު މަންޒިލްތަކަށް އުދުހެން ފަށާނެ އެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވިއަން އަލަށް ދަތުރު ފަށާ މަންޒިލްތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތައް ހިމެނެ އެވެ.

މޯލްޑިވިއަން އިން މި ފަހަރު ގެންނަނީ އެއާބަސް އޭ 330 މަރުކާގެ ވައިޑް ބޮޑީ މަތިންދާ ބޯޓު ތަކެކެވެ. މިއީ މި މަރުކާގެ ބޯޓު ތަކެއް މޯލްޑިވިއަން އަށް ގެންނަ ފުރަތަމަ ފަހަރެވެ. މި ބޯޓު ތަަކަކީ ދުރު ރާސްތާގެ މަންޒިލް ތަކަށް ދަތުރު ކުރަން ފަރުމާ ކޮށްފައި ހުންނަ ބޯޓު ތަކެވެ. އަދި މީގެ ބޯޓެއްގައި ގާތްގަނޑަކަށް 335 މީހުން އުފުލޭނެ އެވެ.

މޯލްޑިވިއަންގައި މިހާރު 23 ބޯޓު ބޭނުން ކުރެ އެވެ. މި ވަގުތު އުދުހެނީ ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ އިތުރުން އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާ އަދި ތައިލެންޑުގެ އިތުރުން ބަންގަލަދޭޝްގެ ޑާކާ އަށެވެ.