ހަބަރު

ތޫނޑުގައި ޓޫރިޒަމް ތަރައްގީކުރާތީ ފާޑު ކިޔަން ފަށައިފި

ފުވައްމުލަކު ތޫނޑު، ތުނޑި ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އިއުލާން ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެއްޖެ އެވެ.

ޓޫރިޒަމް ފަސް ވަނަ މާސްޓާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފެށުން އިފްތިތާ ހުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވަނީ ހއ. ތިން ރަށަކާއި، އައްޑޫ ސިޓީ ހަ ރަށެއްގެ އިތުރުން ލ. ގަމާއި، އެއް ރަށް، އެއް އަތޮޅު، އެއް ސިޓީއަށް އޮތް ފުވައްމުލަކުގައި ވެސް ބީލަމުގެ އުސޫލުން ރަށުފަތުރުވެރި ކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ.

މީގެ ކުރީން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސެޕްޓެމްބަރު 2، 2011 ގައި ވެސް ފުވައްމުލަކު "ބިޅިފޭށި" ސަރަޙައްދާއި، "ތޫނޑު" ސަރަޙައްދަކީ، ދެ ރަށުގެ ގޮތުގައި ކަނޑަ އަޅުއްވައި ގަރާރެއް ނެރުއްވި އެވެ. އެކަމާ ގުޅިގެން ފާޑު ކިޔައި އޭރު ގިނަ ބަޔަކު ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ އެ ރަށުގައި ބަނގުރާ ވިއްކަން ކަމަށެވެ. އެ ގަރާ ބާތިލު ކުރީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި 2012 ވަނަ އަހަރުގަ އެވެ.

އަލަށް މި ސަރުކާރުން ތޫނޑު ސަރަހައްދާ މެދު ނިންމި ނިންމުމާ ގުޅުވައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަން ފަށާފަ އެވެ. ފުވައްމުލަކު ބަހުން ޓްވީޓް ކޮށްފައިވާ މީހަކު ބުނި ގޮތުގައި އެ ރަށުގެ ތުނޑިއަކީ ރަށުގެ ގިނަ ބަޔަކު އާއިލާއާއެކު ވަގުތު ހޭދަކޮށް ޕިކްނިކް ހަދަން ދާ ތަނެއް ކަމަށާއި ރައްޔިތުންނަށް އެންގުމާ ނުލާ އެފަދަ ބޮޑު ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރަށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް މީހަކު ބުނީ 2012 ވަނަ އަހަރު ފުވައްމުލަކު ތުނޑީ ސަރަހައްދުގައި ރިސޯޓެއް އަޅަން ނިންމާ މުޅި ސަރަހައްދު ފެންސް ޖަހާ ބަންދުކުރި ކަމަށެވެ. އަދި އޭގެ ސަބަބުން އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް މަސައްކަތް ކުރަން އޭރު ދަތިވި ކަމަށެވެ.

"ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ ނަމުގައި މިފަދަ ގުދުރަތީ ތަންތަން ތަރައްގީ ކުރުމުން އާންމު ރައްޔިތުންގެ ބަދަލުގައި ރަށުގެ ރީތިކަމުގެ ބޭނުން ހިފާނީ ބޭރު މީހުން." އެހެން މީހަކު ޓްވީޓް ކޮށްފަވެ އެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރު ހަމަދު އަބްދުﷲ މިއަދު ވިދާޅުވީ 1996 ވަނަ އަހަރު ލޭންްޑް ޔޫސް ޕްލޭން ހެދި އިރު ތުނޑީ ސަރަހައްދު ވަނީ ޓޫރިޒަމް ބިމެއް ގޮތުގައި ކަނޑައަޅާފައި ކަމަށެވެ. އަދި 2006 ވަނަ އަހަރު ސިޓީ ހޮޓަލެއް ތަރައްގީ ކުރަން އޭރު ސަރުކާރުން ބަޔަކާ ހަވާލުކުރި ކަމަށާއި ނަމަވެސް ތިން އަހަރުވީ އިރުވެސް އެ ތަނުގައި މަސައްކަތް ކޮށްފައި ނުވާތީ ސަރުކާރުން އެ އެގްރީމެންޓް ބާތިލްކޮށްފައިވާ ކަމަށެވެ.

ހަމަދު ވިދާޅުވީ ތުނޑީ ސަރަހައްދު ގައި ގާތްގަޑަކަށް ދެ މިލިއަން އަކަފޫޓުގެ ބިމެއް އޮޮންނަ އިރު ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރަން ދީފައިވަނީ އެތަނުން ދެ ލައްކަ އަކަފޫޓުގެ ބިން ކަމަށެވެ. އެ ސަރަހައްދުގައި އޮންނަ 60 އަކަފޫޓުގެ ގްރީން ޒޯން ސަރަހައްދު ޓޫރިޒަމް އަށް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވި ތުނޑީ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ ރަށުގެ ތަރައްގީ އަށް މުހިއްމު ކަމެއް ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އޮތް ނަމަ އެކަމަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ފުވައްމުލަކު ތުނޑިއަކީ ރާއްޖޭގެ އެހެން ރަށްތަކާއި ހިލާފަށް ބޮޑު ދޮންވެއްޔަކާއި ބިޔަ ރާޅުތައް ނަގާ ތަފާތު ތިމާވެއްޓެއް އޮތް ސަރަހައްދެކެވެ.