ކުޅިވަރު

އައްޑޫން ބުނެދިނީ ފޯރި އޮތީ މާލޭން ބޭރުގައިކަން

މާލެ އާއި އައްޑޫގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށް ފަހު، ގައުމީ ޓީމު ކުޅޭ މެޗުތަކުން ދިވެހި ސަޕޯޓަރުންގެ ފޯރި ކެނޑެމުން ކެނޑެމުން ގޮސް މިހާރު ގައުމީ ޓީމު ކުޅުނަސް މާލޭގެ ގަލޮޅު ދަނޑަށް ސަޕޯޓަރުންގެ އެނގުމެއް ނުވެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީމު ކުޅޭ މެޗުތަކަށް ސަޕޯޓަރުން ވަނުން މަޑުޖެހުމުން، ބައެއް ފަރާތްތަކުން ބުނަނީ ދިވެހި ފުޓްބޯޅަ މަތިން ދިވެހިން ފޫހިވީއޭ އެވެ. އެހެންނަމަވެސް މިދިޔަ ހޯމަ ދުވަހު އައްޑޫގައި ނިމިގެން ދިޔަ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުން ސާބިތު ކޮށްދިނީ އެހެން މަންޒަރެކެވެ. ދިވެހި ފުޓްބޯޅަ މަތިން ދިވެހިން ފޫހީވިކީ ނޫނެވެ. ދިވެހި ފުޓްބޯޅައިގެ ހަގީގީ ފޯރި މާލޭއިން ބޭރުވެފައި އޮތީ އެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންޑާ) ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ މި ފޮޓޯއިން ދައްކައިދެނީ ދިވެހި ގައުމީ ޒުވާން ޓީމަށްޓަކައި އައްޑޫގެ ރައްޔިތުން ދިން ތަރުހީބާއި ފޯރި އެވެ. އައްޑޫއަކީ ޒަމާނުންސުރެ ފުޓްބޯޅައިގެ ޕެޝަން އޮތް ތަނެކެވެ.

އައްޑޫއިން 15 އަހަރުން ދަށުގެ ޓީމަށް ދިން ސަޕޯޓް ފެނުމާއެކު އަދި ރާއްޖޭގެ ސީނިއާ ޓީމު އައްޑޫގައި ކުޅޭނަމަ އެއަށް ވުރެ ފޯރިގަދަ ވާނެ ކަމަށް މި ފޮޓޯތަކުން ދޭހެ ކޮށްދެއެވެ. މިފަހަރުގެ މުބާރާތަކީ މާލެގެ ފަސްގަނޑުގެ ހިއްސާއެއް ނެތި ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ. މުބާރާތުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް އެހެން މުބާރާތްތައް މާލެއިން ބޭރުގައި ބޭއްވުމުގެ ޓެސްޓަކަށް އައްޑޫގެ މުބާރާތް ވާނެ އެވެ..

"މި މުބާރާތް [އައްޑޫގައި ބޭއްވި ޔޫއެފާ އެސިސްޓް އިންޓަނޭޝަލް މުބާރާތް] އިތުރަށް ހާއްސަވެގެންދާ ސަބަބަކީ އިންޓަނޭޝަނަލް މުޅި މުބާރާތް މާލެއިން ބޭރުގައި މުޅިން އަލަށް ބޭއްވިގެން ދާތީ،" މުބާރާތް ފެށުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައްސާމް ވިދާޅުވެފައި ވެއެވެ. "އެޔާއެކު އަޅުގަނޑު ދަންނަވާލަން ބޭނުމީ މީ އަތޮޅު ތެރޭގައި އިންޓަނޭޝަނަލް އިތުރު މުބާރާތްތައް ބޭއްވުމަށް ފެށިގެންދާ ފުރަތަމަ މަސައްކަތް، މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލެވިއްޖެނަމަ އަތޮޅު ތެރޭގައި އިންޓަނޭޝަނަލް އިތުރު މުބާރާތްތައް ބޭއްވުމަށް މަގުފަހި ވެގެންދާނެ."

އެ މުބާރާތުގައި އައްޑޫއިން ފެނިގެން ދިޔަ ފޯރިއާއެކު އެހެން ހިޔާލެއް ވެސް އުފަން ވެއްޖެ އެވެ. އަންނަ މަހު ފަސް ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ހޯމް މެޗެއް އައްޑޫގައި ކުޅުމެވެ. ފުޓްބޯޅައިގެ އެކި ފަރާތްތަކުން ވަނީ އެ ހިޔާލާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކޮށްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހީ ކުލަބެއް ކަަމަށްވާ، ސ. ފޭދޫ ޑީއެންސީ ޓީމުން ވިދާލި ދިވެހި ފުޓްބޯޅަ ލެޖެންޑް، އަބްދުﷲ މުފީދު (އުދުހޭ މުފީދު) ވިދާޅުވި ގޮތުގައި އައްޑޫގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވާތަން ފެނިގެން ދިއުމަކީ އޭނާ އަށް ހާއްސާ އުފަލެކެވެ.

"އެއީ އަޅުގަނޑު ވަރަށް ކުރިންސުރެ ދެކެން ބޭނުންވާ ދުވަހެއް އައްޑޫގައި އަޅުގަނޑުމެން ކުރިމަތީގައި މިފަދަ މުބާރާތެއް ބޭއްވިގެން ދިއުން." މުބާރާތުގެ ކުރިން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން މުފީދު ވިދާޅުވި އެވެ.