ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ)، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ކުރަން ހުށަހަޅާފައިވާ ސުވާލު އަންނަ ހަފުތާގެ މަޖިލީހުގެ ޖަލްސާއެއްގައި އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މިނިސްޓަރު އައިޝާއާ ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލު އަންނަ ހަފުތާގެ ތެރޭގައި އެޖެންޑާ ކުރާނެ ކަމަށެވެ.
"ޓްރާންސްޕޯޓް މިނިސްޓަރުގެ އަރިހުން ސާފު ކުރެއްވުމުން މިނިސްޓަރު ވިދާޅުވި މިނިސްޓަރަށް ކުރައްވަން ހުށަހެޅުއްވި ސުވާލު އަންނަ ހަފުތާގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ކޮންމެ ވެސް އެއް ޖަލްސާއެއްގައި އެ ސުވާލު އެޖެންޑާ ކުރުމުން އެންމެ ރަނގަޅު ކަމަށް،" އަމީންއާންމު ނިއުޝާ ވިދާޅުވި އެވެ.
ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާލޭގައި ޕާކިން މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން މިނިސްޓަރު އައިޝާއާ ސުވާލު ކުރެއްވުމަށެވެ.
މިނިސްޓަރު އައިޝާގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހާޒިރުކޮށް ސުވާލު ކުރައްވަން ޖާބިރު ހުށަހެޅުއްވި އެވެ. ޖާބިރު ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވިއިރު ހިނގި ފަދަ ހަމަނުޖެހުންތަކެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ މިނިސްޓަރާ ސުވާލު ކުރެއްވުމަށެވެ.
ހޯމް މިނިސްޓަރު އިމްރާން މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާގައި ކަމަށް ވުމުން މިނިސްޓަރު އިމްރާނާ ކުރަން ހުށަހެޅި ސުވާލު އެޖެންޑާ ކުރެވޭނެ ދުވަހެއް އަދި ޔަގީން ނުވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ދެ މިނިސްޓަރުންނަށް ވެސް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވަޒީރުންނަށް މަޖިލީހަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.