ހަބަރު

ރައީސް ޔާމީނާ ބައްދަލު ކުރުމުގެ ފުރުސަތެއް ޖާބިރަށް ނުދިން

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރުމުގެ ފުރުސަތު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަށް ދެވެން ނެތް ކަމަށް ހޯމް މިނިސްޓްރީން އަންގައިފި އެވެ.

ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް އެދި ޑީއާރްޕީގެ ފަރާތުން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މި ވަގުތު ޖަލުގައި ހުންނެވި ރައީސް ޔާމީންގެ ހާލު ބެއްލެވުމަށް ޑީއާރްޕީގެ ލީޑަރުގެ ހައިސިއްޔަތުން ޖާބިރު ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

މި ސިޓީގެ ޖަވާބުގައި ހޯމް މިނިސްޓްރީން ބުނީ އެދިފައިވާ ގޮތަށް ޔާމީނާ ބައްދަލު ކުރުމަށް ފުރުސަތު ދެވޭނެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. އަދި ޔާމީންގެ ފަރާތުންވެސް އެފަދަ ބައްދަލުވުމެއް ހަމަޖައްސައި ދިނުމަށް އެދިފައިނުވާކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ޖާބިރަކީ ކުރިން ރައީސް ޔާމީނާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަަމުގައި ހުންނަވަނިކޮށް އެ ދެ ބޭފުޅުންގެ މެދުގައި މައްސަލަތަކެއް ޖެހި އޭގެ ފަހުން ޖާބިރު ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ހުންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެމަނިކުފާނު ޖަލުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް ޖާބިރު މީގެ ކުރިން ގޮވާލެއްވި ނަމަވެސް ރައީސް ޔާމީނަށް ހުކުމް އިއްވި ފަހުން ޖާބިރު ވަނީ އެމަނިކުފާނަކީ ރައްޓެއްސެއް ކަމަށް ވިދާޅުވެ ވަގުތުން މިނިވަންކުރުމަށް މަޖިލީހުގައި ގޮވާލައްވާފަ އެވެ.