ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރާ ދައުލަތުގެ އެކި އިދާރާތަކުގެ އިސްވެރިން ހާޒިރުވުމަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަފުތާއަކު އެއް ފަހަރު ކޮމިޓީތަކުގެ މުގައްރިރުންނާ ބައްދަލު ކުރައްވާ ކަމަށެވެ. އެ ގޮތުން މި ހަފުތާ ކުރެއްވި ބައްދަލުވުމުގައި ކޮމިޓީތަކުގެ މުގަރިރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މީގެ ފަހުން ކޮމިޓީތަކަށް ހާޒިރު ކުރައްވާ ބޭފުޅުންނަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ކޮމިޓީތަކުގެ މުގައްރިރުންނާއި ކުރެއްވި ބައްދަލުވުމުގައި ނިންމީ ކޮމިޓީތަކަށް ހާޒިރުކުރާ ފަރާތްތަކަށް ފަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު މެނުވީ އެ ބޭފުޅުން ކޮމިޓީތަކަށް ހާޒިރު ނުކުރައްވާނެ ކަމަށް. އެ ބޭފުޅުންނަށް ތައްޔާރުވެލެއްވުމަށްޓަކައި ފަސް ދުވަހުގެ މުހުލަތެއް މީގެ ފަހުން އެރުވޭނެ،" ނިއުޝާ ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް މަޖިލީހުގެ އެކި ކޮމިޓީތަކަށް ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިން ހާޒިރުކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އިޖްތިމާއީ ކޮމިޓީއަށް ހޯމަ ދުވަހު ޔޫތް މިނިސްޓްރީގެ އިސް ބޭފުޅުންނާ އަދި އަދި އަންގާރަ ދުވަހު އެންސްޕާގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުން އޮންނާނެ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަންނަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުން ހާޒިރުކުރުމާއި ބުދަ ދުވަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާ ހާޒިރުކުރާނެ އެވެ. މި ހަފުތާގައި ވެސް މި ދެ މުއައްސަސާގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް އަންނަ އަންގަރާ ދުވަހު ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކުރަން ނިންމާފައިވާއިރު، ޖުޑިޝަރީ ކޮމިޓީން އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލު ކުރަން ހަމަޖެހިފައިވެ އެވެ.
އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ކުނީގެ މައްސަލައަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން ވެމްކޯ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރަން ވަނީ އެޖެންޑާކުރެވި ފަ އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އަންނަ ހޯމަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރާއިރު، ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ބުދަ ދުވަހު ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އަދި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ހޯމަ ދުވަހު އާސަންދަ ކުންފުނީގެ ބޭފުޅުންނާ ބައްދަލު ކުރާން ވަނީ ހަމަޖެހިފަ އެވެ.