ރައްޔިތުންގެ މަޖިލިސް

ނިއުޝާ، ފިލްޒާ، ހަލީމް މަގާމުގައި ބައިތިއްބަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން އިތުރު ދައުރަކަށް މަގާމުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ އިދާރާގެ އިސް ވެރެއިންގެ ތެރެއިން އަމީންއާންމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާ އިތުރު ދައުރަކަށް އެ މަގާމަށް އައްޔަން ކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް އެ މަގާމުގައި ހުންނެވި ފާތިމަތު ފިލްޒާ އައްޔަން ކުރަން ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ސާޖެންޓް އޮފް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް އައްޔަން ކުރަން ވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިންގެ މަގާމުގެ ތެރެއިން އަމީންއާންމާއި ކައުންސިލަ ޖެނެރަލްގެ އިތުރުން ސާޖެންޓް އޮފް އާމްސްގެ ދައުރަކީ ފަސް އަހަރު ދުވަހުގެ މުއްދަތެވެ.

އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުގަ އެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް ފިލްޒާ އައްޔަން ކުރެއްވީ ޑިސެމްބަރު 18، 2011 ގަ އެވެ. ސާޖެންޓް އޮފް އާމްސްގެ މާގަމަށް މުހައްމަދު ހަލީމް ފުރަތަމަ އައްޔަން ކުރެއްވީ އޮކްޓޫބަރު 31، 2013 ގަ އެވެ.