ގދ. ތިނަދޫއަކީ ލާމަރުކަޒީ ގާނޫނުގައި ބުނާ ސިޓީއަކަށްވާތީ އެ ތަނަށް ސިޓީ ކައުންސިލެއްގެ ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމި ނަމަވެސް އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ސަރުކާރުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ސިޓީއެއްގެ ގޮތުގައި އެތަން ހިންގަން ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަކޮށް އެ މައްސަލަ ހައްލުކޮށްދިނުމަށް ތިނަދޫ ކައުންސިލުން މަޖިލީހަށް ވަނީ އެކަން ހުށަހެޅި އެވެ.
މިމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީ މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ އެއީ ސިޓީއެއް ކަމަށާއި އެތަން މިހާރުން ފެށިގެން ސިޓީ ކައުންސިލެއްގެ ގޮތުގައި ހިންގުމަށެވެ.
ކޮމިޓީގެ ނިންމުން އަނބުރާ ތަޅުމަށް ފޮނުވުމުގެ ކުރިން ފިލްޒާ ދެއްވި ގާނޫނީ ލަފާގައި ވިދާޅުވެފައިވަނީ ރަށު ކައުންސިލްގެ ދައުރުގެ ތެރެއިން ސިޓީއެއް އުފެދޭ ހާލަތުގައި އެ ސިޓީއަކަށް ކައުންސިލެއް އުފައްދަން ގާނޫނު ލާޒިމް ނުކުރާ ކަމަށެވެ.
ރަށު ކައުންސިލެއްގެ ދައުރުގެ ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވި ނަމަވެސް އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުންކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ސާފުވާ ކަމަށްވެސް ފިލްޒާ ލަފާ ދެއްވާފައިވެ އެވެ.