އެހެން ގައުމެއްގެ ރައްޔިތުންތަކަކަށް ދިވެހި ރަށްވެހިކަން ދިނުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.
ޝިޔާމް މި ތުހުމަތު ކުރެއްވީ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮބާ ނުވިއެއްނު" އެއްވުމުގައި އާންމުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ ވެސް މަގާމު އަދާ ކުރައްވައި ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކާއެކު ބޭރު ގައުމެއްގެ ބަޔަކަށް ދިވެހި ރަށްވެހިކަން ދިނުމުގެ ކަންތައްތަކެއް ރާވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއިވެނީ ދިވެހިންގެ މީސްކޮޅު މަދުވެގެން މިތަނުގެ އިގުތިސޯދު ހަލާކުވާ ވާހަކަ މި މީހުން މި ދައްކަނީ، އެހެން ގައުމެއްގެ ބަޔަކު މި ގައުމުގެ ދަފުތަރުގަ ނޫނީ މި ގައުމުން ރަށްވެހިކަން ދޭން އެބަ މަސައްކަތް ކުރޭ، އެ އިސްލާހު އެބަ އާދޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އެކަމުގެ އެންމެ ބޮޑު ބޭނުމަކީ މި ސަރުކާރު ތާއަބަދަށް ވެރިކަމުގައި ތިބުމެވެ. މި ސަރުކާރަށް އެވަރަށް ރައްޔިތުންނަށް ހިދުމަތްނުކޮށް ދެވޭއިރު ބޭނުންވަނީ ވޯޓު ކަށަވަރުވާނެ ބަޔަކު މިތަނަށް ގެނެސް އެމީހުންގެ ވޯޓާއެކު ވެރިކަމުގައި ދެމިތިބުން ކަމަށެވެ.
ރަށްވެހިކަން ދޭން އުޅެނީ ކޮން ބަޔަކަށް ކަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.
ޝިޔާމް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމް ކުރަން ހަމަޖެހިފައިވާ ފެރީގެ ނިޒާމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑިގެންދާނެ ކަމަށެވެ. ބޮޑެތި ވިޔަފާރިތަކަށް ވެސް އަސަރުކޮށް ދިވެހިން ބިކަވެގެންދާނެ ކަމަށެވެ. ރާއްޖޭގައި މުޅިން ވެސް ތިބޭނީ އިންޑިއާގެ އުނގު ވިޔަފާރިތައް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ހަމައެހެން، ބޭރުގެ މަސް ބޯޓުތައް ރާއްޖެއަށް މަސް ގަތުމުގެ ނަމުގައި ވައްދައި، ގާނޫނާ ހިލާފު ކަންކަން ކުރަން ވިސްނަމުންދާ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.