އަންހެނުން

ޑައިވަރަކަށް ނުވާންވީ ސަބަބެއް ނެތް: ޒޫނާ

ވަށައި އޮންނަނީ މާސިންގާ ނޫ ކަނޑެވެ. ކޮންމެ މީހެއްގެ ހިތް މޫދަށް ދަމައިގަނެ އެވެ. ނަމަވެސް، ދިރިއުޅުމަށް އާމްދަނީ ހޯދަން މޫދުގައި އުޅެންޖެހޭ މަސައްކަތް ކުރާ މީހުންނަކީ މަދު ބަޔެކެވެ. އަދި އެގޮތަށް އަންހެނުން މަސައްކަތް ކުރާވަރު މާ މަދެވެ. މިކަން ބަދަލު ކުުރަން އަތުކުރި އޮޅާލައިގެން އަމިއްލަ ޑައިވް ސެންޓަރެއް އުފައްދާ މަސައްކަތް ފަަށައިގަތީ ޒޫނާ ނަސީމެވެ. "މޫދުބުޅާ ޑައިވް ސެންޓަރު" ވިލިމާލޭގައި އުފެއްދީ އަންހެނުނަށާއި ކުޑަކުދިނެނައް ޓާގެޓްކޮށް 2016 ވަނައަހަރު އެވެ.

ޒޫނާގެ މޫދުބުޅާ ޑައިވް ސެންޓަރަކީ އަންހެން އިންސްޓްރަކްޓަރުން އެއްމެ ގިނައިން ހިމެނޭ ފުރަތަމަ ސެންޓަރެވެ. އެކަމަކު ޒޫނާ ބުނާ ގޮތުގައި އޭނާގެ ތަޖުރިބާއަކީ ތަމްރީންތަކަށް ފަހު ވެސް ވަޒީފާއަށް ނުކުންނަަ އަންހެނުން އަދަދު މަދުވުމެވެ.

"ވޭތުވެދިޔަ 24 އަހަރު ގާތްގަނޑަކަށް 10 ވަރަކަށް އަންހެނުން މި ދާއިރާއަށް ނުކުމެފައި ވަނީ. ފިރިހެނުންނަށް ބަލާއިރު އަހަރަކު 60 ހާ ގާތް ކުރާ އަދަދެއް އާދޭ. އެކަމަކު 'މޫދުބުޅާ' އައުމަށްފަހު އަންހެނުން ނުކުންނަވަރު އިތުރުވާން ވަނީ ފަށާފައި،" އޭނާ ބުންޏެވެ.

ޒޫނާ ބުނި ގޮތުގައި އަންހެނުންގެ ބައިވެރިވުން އިތުރުވާން ފަށާފައިވާއިރު މިހާރު ކްލަބް ޑައިވެއް އަންހެނުންގެ ބައިވެރިވުން އޮވެއެވެ.

ޒޫނާގެ ސެންޓަރު ހުޅުވުމުގެ ކުރިން ޕްރޮފެޝަނަލް ޑައިވަރެއްގެ ގޮތުގައި ޒޫނާ މަސައްކަތް ކުރާތާ 24 އަހަރުވެފައިވާއިރު ދާއިރާއިން އޭނާ ވަނީ ކެރިއާ ބިލްޑްކޮށް ޕަޑީ ކޯސް ޑިރެކްޓާއަކަށް ވެފަ އެވެ.

ސްކޫބާ ޑައިވިން އިންޑަސްޓްރީގައި ކޯސް ޑިރެކްޓަރުންނަކީ ފީލްޑްގެ އެންމެ މަތީ ފަންތީގައި ތިބޭ މި ދާއިރާގެ ތަޖުރިބާ ގިނަ އެކްސްޕާޓް ލެވެލެވެ.

ޒޫނާ ބުނާ ގޮތުގައި ކުޑައިރު އޭނާ މޫދަށް އެރެން ވަރު ހުންނާތީ "މިއީ މޫދު ބުޅަލެކޭ" އޭނާގެ މަންމަ ބުނެ އުޅެ އެވެ. ޒޫނާ ސްކޫލް ނިންމާ އެންމެ ފުރަތަމަ ވަޒީފާއަށް ދިޔައީ ވެސް ފިޝަރީސް މިނިސްޓްރީއަށެވެ. އެވެސް މޫދާއި ގުޅުމެއް އޮންނާނެ ކަމަށް ވިސްނައިގެނެވެ.

"ފުރަތަމަ ޑައިވަށް ގޮސް ކަނޑުއަޑީގެ ހިތްގައިމުކަން ފެނި އެ ތަޖުރިބާ އާއި އެކު އިންސްޓްރަކްޓަރަކަށް ވާން ބޭނުންވީ. ކޯސް ހެދުމަށް ފަހު ދެން މަސައްކަތް ފެށީ ލިބުނު ފުރުސަތުތަކުގެ ބޭނުން ކޮށްގެން،"

ޒޫނާ ވަނީ އިންޓަނޭޝަނަލް ހޮޓެލް ޗެއިނެއް ކަމުގައިވާ ބަންޔަންޓްރީ އަދި އަންސާނާ ރިސޯޓުގެ އޭރިޔާ މެރިން ރިކްރިއޭޝަންސް މެނޭޖަރު ކަމުގެ މަގާމު އަށް އަހަރު އަދާކޮށްފަ އެވެ.

"މިއީ ވަރަށް ޗެލެންޖިންގ މަސައްކަތަކަށްވި. އެކަމު އެ ވަޒީފާގައި އަށް އަހަރު އުޅުނިން... ހެޑެއްގެ ގޮތުގައި މަސައްކަތް ކުރަން އަންހެނަކަށް ފުރުސަތު ދިނުމުން ވަރަށް އުފާވި."

އަންހެނުންގެ އިތުރުން ޑައިވް ދާއިރާއަށް ކުޑަކުދިން ނެރުމަށް ޒޫނާ ގިނަގުނަ މަސައްކަތް ކުރެއެވެ. އެޑިއުކޭޝަނުން އިސްވެ ކުދިންނަން ފަރާ ގުޅޭ މައުލޫމާތު ދީ އެކްސްޕޯޒް ކުރަން ހިންގި "ފަރުކޮއި" ޕްރޮގްރާމް ގެ ދަށުން ވިލިމާލެ މުހްޔިއްދީން ސްކޫލުން ހިންގި ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ގަައި ޒޫނާ މަސައްކަތް ކުރި އެވެ.

"ރިޒޯޓްތަކުގައި މަސައްކަތްކުރާއިރު މި ފެންނަނީ ދޮން މީހުން މެރިން ބަޔޮލޮޖީ ފަދަ ކަންކަން ކިޔަވައިގެން އައިސް ރާއްޖޭގެ ކޮންމެވެސް ރިޒޯޓެއްގައި މަޑުކޮށްލާ ޕްރެކްޓިކަލް ހަދާލާ ތީސީސް ލިޔެލާ މަންޒަރު. އަހަރުމެންގެ ދިވެހި ކުދިން ފަރަކީ ކޯއްޗެއްކަން ދަސް މިކުރަނީ ކްލާސް ރޫމެއްގައި ދައްކާލާ ޑައެގްރާމަކުން."

ޒޫނާގެ މަސައްކަތް ބަލައިގަނެ ތަފާތު އެކި އެކި އެވޯޑް އޭނާ އަށް ވަނީ ލިބިފައެވެ. މިގޮތުން ރެހެންދި އެވޯޑާއި، ގައުމީ އެވޯޑް އަދި ވިމަން އޮން ބޯޑް އާއި ވިމަން އޮން މެނޭޖްމަންޓްއިން ވެސް އެވޯޑް ލިބިފައި ވެއެވެ.

އެންމެ ފަހުން އޭނާ ހާސިލްކޮށްފައިވާ ބައިނަލްއަގުވާމީ އެވޯޑެކެވެ. އިނގިރޭސި ވިލާތުގެ ބޯޓް އިންޓަނޭޝަނަލް އާއި ބުލޫ މެރިން ފައުންޑޭޝަން އިން އޯޝަން އެވޯޑް އޭނާ އަށް ލިބިފައިވަނީ "ލޯކަލް ހީރޯ" ކެޓަގަރީން ކަނޑުގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ތަފާތު ދާއިރާއެއްގައި ހަރަކާތްތެރިވާ އަންހެނެއްގެ ގޮތުގައި އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މިއީ ދިވެއްސަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މިހުރިހާ ކަމެއް ހާސިލް ކުރުމަށް އެންމެ ބޮޑު އިންސްޕިރޭޝަނައަކީ ޒޫނާ ބުނާ ގޮތުގައި މައިންބަފައިންނެވެ.

ޒޫނާ ބުނިގޮތުގައި ޑައިވިންގައި ޒުވާނުން އަށް ބައިވަރު ފުރުސަތުތައް ވެއެވެ. "ޑައިވިން އަކީ ރަނގަޅު ފީލްޑެއް ކެރިއާ ބިނާކުރަން. ގިނަ ކުދިން ބުނަނީ މޫދަށް ދާހިތްވާ ކަމަށް. އެކަމު މައިންބަފައިން ޑައިވިން ދެކެނީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމެއްގެ ގޮތުގައި ކަމަށް މިކަމަށް ބުނެލަން ބޭނުަންވަނީ، އިންޓަނެޓް ލިބޭ ގޮތަށް ސްމާޓް ފޯނެއް ދިނުމަކީ މާ ނުރައްކަތެރި ކަމެކޭ!"