ރާއްޖެ ދޫކޮށް ދާން މަޖުބޫރުވީ ބިރުދެއްކުމާއި އިންޒާރުތައް ދެމުންގޮސް ފުރާނަ ސަލާމަތްކުރުމަށްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ތުހުމަތުތަކެއް ކުރައްވާ އޯޑިއޯ އެއް ލީކުވެއްޖެ އެވެ.
ލުތުފީ އޮފީހަށް ނުނިކުންނަވާތާ ގިނަ ދުވަސްތަކެއް ފަހުން، އޭނާ އިސްތިއުފާ ދެއްވައި އީމެއިލެއް ފޮނުވާފައިވަނީ މިދިޔަ ޖޫން މަހު އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
އޭސީސީން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުގައި ލުތުފީ އެންމެ ފަހުން ވަޒީފާއަށް ނުކުމެވަޑައިގަތީ މިދިއަ ފެބްރުއަރީ ހަވަނަ ދުވަހު އެވެ. އަދި މިދިޔަ އޭޕްރީލް 14 އާ ހަމައަށް އޭނާ ޗުއްޓީ ނެންގެވި އެވެ. އެ ޗުއްޓީ ހަމަވި ފަހުން ދެ މަސް ދުވަސްވީއިރު ވަޒީފާއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.
އޭރުން ފެށިގެން ލުތުފީ އުޅުއްވަނީ މެލޭޝިޔާގައި ކަމަށް ވަނީ ހަބަރު ލިބިފަ އެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން މިހާތަނަށް އެއްޗެއް ވިދާޅުނުވެ ހުންނަވަނިކޮށް، ލީކުވެގެން އުޅޭ އޯޑިއޯގައި ކޮންމެވެސް މީހަކާ ފޯނުން ދެެކެވުނު ވާހަކަތަކެއްގައި ލުތުފީ ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
އެގޮތުން، އެ މީހާ ލުތުފީ އަށް ގުޅާ، ސަރުކާރާ ޑީލެއް ހަދައިގެން ގައުމުން ބޭރުގައި އުޅޭކަމަށް ބުނާ އަޑިއިވެ އެވެ. އެހެން ބުނުމާއެކު ލުތުފީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ކަން ހިނގާ ދިޔަގޮތުގެ ހަގީގަތެއް އެއްވެސް މީހަކަށް ނޭނގޭކަމަށް ވިދާޅުވެ އެވެ.
"ކޮން ޑީލެއް ހަދައިގެން، ކަލޭމެން އެންމެން ތިގޮތަށް ވާހަކަތި ދައްކަނީ ކީއްވެގެންތަ؟ ކަލޭމެންނަކަށް ނޭނގޭނެ ދޯ އަހަރެންނަށް ދިމާވި ކަންތައްތަކެއް،" ލުތުފީ ވިދާޅުވެ އެވެ.
އެއާއެކު އަނެއް ކޮޅުން ވާހަކަ ދައްކާ މީހާ ބުނަނީ ލުތުފީގެ އެއްވެސް ހަބަރެއް ނުވާކަމަށާއި، ހުރިހާ އެއްޗެއް ފެންނަނީ މީޑިއާތަކުން ކަމަށެވެ.
އޭނާ އެހެން ބުނުމާއެކު ލުތުފީ ވިދާޅުވީ އޭނާއަށް އިންޒާރުދީ، އަދި ފްރޭމް ކުރާނެކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ. އަދި
"ސީދާ އަހަރެން އޮފީހަށް ގޮސް އަހަރެންނަށް އިންޒާރުދީ، ފްރޭމްކޮށްފަ ހައްޔާރުކުރާނަމޭ ކިޔާފަ ބިރުދައްކާ، އޭގެ ފަހުން ރޭގަނޑު ނިދެނީކީނޫން، އެކި މީސް މީހުން ލައްވާ ފޯނު ކުރުވާ ބިރުދައްކާ މަގުމަތިން،" ލުތުފީ ވިދާޅުވެ އެވެ.
ނަމަވެސް، އިންޒާރުދީފައިވަނީ ކޮން ބައެއް ކަމެއް ސީދާ ވިދާޅެއްނުވެ އެވެ.
"އަހަރެން ފުރާނަ ސަލާމަތް ނުކުރެވޭ ހިސާބަށް ދިޔައީމަ ރާއްޖެ ދޫކޮށް އަންނަން ޖެހުނީ،" އަނެއްކާވެސް ލުތުފީ ވިދާޅުވާ އަޑުއިވެ އެވެ.
އެފަދަ ކަންތައްތަކެއް ހިނގައިގެން ދިޔައިރު އޭގެން އެއްވެސް ވާހަކައެއް ނުދެއްކެވީ ކީއްވެތޯ ވެސް އެމީހަކު ލުތުފީގެ އަރިހުން ސުވާލުކުރެ އެވެ.
ކާކު ކައިރީ ކޮން ވާހަކައެއް ދައްކާނީ، ވާހަކައެއް ދައްކައިގެން ވާނެ ކަމެއް އޮންނާނެތަ. އެކަކު ކައިރީ އެއްވެސް ވާހަކައެއް ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތް،" އެ ސުވާލަށް ލުތުފީ ޖަވާބު ދެއްވި އެވެ.
އަދި ރާއްޖެ ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވީ ޑީލެއްގެ ދަށުން ނޫން ކަމަށާއި، މަގުމަތިންވެސް ހަމާލާދީ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔަ ކަމަށް ލުތުފީ އަނެއްކާވެސް އެމީހާ ގާތު ވިދާޅުވެ އެވެ.
"އެއް ޑީލެއް ހަދައިގެނެއްވެސް ނޫން، އަހަރެން އަތުގަ ހުންނާނެ ފޮޓޯތަކާ އެއްޗެއްހި މަގުމަތިން ހަމާލާދީ މަގުމަތިން އަހަރެންގެ ކަރުގަ ހިފާ. އެވަރަށް ކަންތައްތައް ދިޔައީ،" އޭނާ ވިދާޅުވެ އެވެ.
ދެން އަނެއް ކޮޅުން ވާހަކަ ދައްކާ މީހާ ބުނާ އަޑުއިވެނީ، އެފަދަ ކަމެއް ހިނގިކަން ނޭނގޭ ކަމަށާއި، އޭނާ ހީކުރީ "ރައީސް ޔާމީނަށް އެންމެން ބަޔާންދީގެން އުޅޭ" ކަމަށެވެ.
"ބިރު ދައްކައިގެން،" އެއަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވެ އެވެ.
އެ ފޯނު ކޯލަކީ ކޮން އިރެއްގެ ކޯލެއް ކަމެއް އަދި އެނެއް ކޮޅުން ވާހަކަ ދެއްކީ ކާކު ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް، އެއީ ސައްހަ ފޯނު ކޯލެއްކަން އަވަސް އަށް ވަނީ ކަށަވަރުވެފަ އެވެ.
ލުތުފީގެ ތުހުމަތުތަކެއް ފެންމަތިވެފައިމިވަނީ، ކުރީގެ ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް މިހާރުގެ ސަރުކާރުން ދޮގު ބަޔާންތަކެއްގައި ސޮއި ކުރުވަން މަސައްކަތްކުރި ކަމުގެ ތުހުމަތު އިންޑިއާއަށް ފިލައިގެން ގޮސް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ތުހުމަތު ކުރައްވާފައިވަނިކޮށެވެ.
ރާއްޖޭން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އިއްޔެ އިންޑިއާގެ ޓުޓިކޮރިން އިން އަދީބު ވަނީ ހިފަހައްޓާފައި އެވެ.
އދ.ގެ ކަމާބެހޭ އޮފީސްތައް މެދުވެރިކޮށް އިންޑިއާގެ ހިމާޔަތަށް އަދީބުގެ ފަރާތުން އެދިފައިވާއިރު، އޭނާގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަދީބު ލައްވާ ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ. އަދި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް ގާނޫނީ ޓީމުން ތުހުމަތު ކުރެ އެވެ. އަދި އެ އެގްރިމެންޓުވެސް އެ ޓީމަށް މިހާރު ލިބިފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށް ތުހުމަތުކޮށް، ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް ވަނީ އިލްތިމާސްކޮށްފަ އެވެ.