ހަބަރު

ހިމާޔަތް ނުދީ އިންޑިއާއިން އަދީބު އަނބުރާ ފޮނުވާލައިފި

Aug 3, 2019
8

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހިމާޔަތްނުދޭން ނިންމައި، އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަދީބު ރާއްޖެއިން ފިލައިގެން އިންޑިއާއަށް ގޮސްފައިވަނީ ބުރާސްފަތި ދުވަހެވެ. އިންޑިއާ ފުލުހުން ވަނީ ޓަގު ބޯޓެއްގައި ހުއްޓާ އޭނާ ހިފަހައްޓާފަ އެވެ. އަދި އިންްޑިއާށް އެތެރެވިޔަ ނުދީ، އޭނާ މިހާތަނަށް ހުރީ އެ ޓަގު ބޯޓުގައި ހިފަހައްޓާފައިކަމަށް މައުލޫމާތު ލިބެ އެވެ.

އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ގައި ރިޕޯޓް ކޮށްފައިވާ ގޮތުން، އެ ޓަގް ބޯޓުގައި އަދީބު ވަނީ އޭނާ ބަލާ އިންޑިއާއަށް ދިޔަ ދިވެހި ފުލުހުންގެ ޓީމުގެ ބެލުމުގެ ދަށުން އަނބުރާ ރާއްޖެ ޑީޕޯޓު ކޮށްލައިފަ އެވެ.

ނަމަވެސް، އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އޭނާ ޑިޕޯޓްކޮށްލާފައިވަނީ، ރާއްޖެ އަނބުރާ ފޮނުވާލައިފިނަމަ ނުހައްގު އަދަބު ދޭނެކަމަށް ތުހުމަތުކޮށް، ދިވެހި ފުލުހުންނާ ހަވާލު ނުކުރުމަށް އަދީބުގެ ފަރާތުން އިންޑިއާ ސަރުކާރަށް އިލްތިމާސްކޮށްފައިވަނިކޮށެވެ.

އަދީބު ވަނީ އޭނާ ތަމްސީލް ކުރާ "ގަރްނިކާ 37" ލޯ ފާމް މެދުވެރިކޮށް އދ.ގެ ކަމާބެހޭ އޮފީސްތަކުގައި އިންޑިއާ ސަރުކާރުގެ ހިމާޔަތަށް އެދިފަ އެވެ.

ނަމަވެސް، އެކަމަށް އިންޑިއާ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، އަދީބު އަނބުރާ ގެންނަން ފުލުހުންގެ ޓީމެއް އިންޑިއާއަށް އަންނަ ކަމަށާއި، ދިވެހި ފުލުހުންނަށް އަދީބު ހަވާލުކޮށްފިނަމަ ރާއްޖެ ގެނެސް ނުހައްގުން އަމަލު ކުރާނެ ކަމަށް ބުނެ އެ ލޯ ފާމުން ވަނީ އިއްޔެ އިތުރު ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނީ ރާއްޖެ އަކީ އަދީބު އަށް ރައްކާތެރިކަން އޮތް ތަނެއް ނޫން ކަމަށާއި އަނބުރާ ފޮނުވާލައިފި ނަމަ ފުރާނައަށް ގެއްލުންވެދާނެ ކަމަށެވެ.

އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭންޖެހޭ ހައްގުތައް އަދީބަށް ކަށަވަރުކޮށްދިނުމަށް ބަޔާނުގައި ވަނީ އެދިފަ އެވެ.

އަދީބުގެ ގާނޫނީ ޓީމުން އިތުރަށް ބުނެފައިވަނީ އަދީބު ލައްވާ ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުންނާ ދެކޮޅަށް އެގްރިމެންޓެއްގައި ސޮއިކުރުވާފައިވާ ކަމަށެވެ. އަދި އެ އެގްރިމެންޓުގައި ސޮއިކުރައްވަންދެން އަދީބަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ސަރުކާރުން ހިފެހެއްޓިކަމަށް ގާނޫނީ ޓީމުން ތުހުމަތު ކުރެ އެވެ. އަދި އެ އެގްރިމެންޓުވެސް އެ ޓީމަށް މިހާރު ލިބިފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ހިމާޔަތް ހޯދަން ހުށަހެޅި ހުށަހެޅުމާމެދު ވަކިގޮތެއް ކަނޑައެޅެންދެން އަނބުރާ ރާއްޖެއަށް ފޮނުވާނުލައި، އަދީބަށް ރައްކާތެރިކަން ދިނުމަށްވެސް އެ ބަޔާނުގައި އިންޑިއާ ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

މި ބަޔާން ނެރެފައިވާއިރު ދިވެހި ފުލުހުން ވަނީ، އަދީބު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ފުލުހުން ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް އެ ބަޔަކަށް ގާނޫނުގައިވާ ގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

އަދީބު ދަތުރުކުރިކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މި ވަގުތު އޮތީ ޓުޓިކޮރިން ބަނދަރުގައި ކަމަށް ދައްކަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެ ބޯޓު އޮތް ކަމަށް ދައްކަނީ ހުޅާމާލެ ކައިރީގަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ބައެއް ޖިނާއީ މައްސަލަތަކުގައި ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު ވަނީ އޭނާގެ އަނބިކަނބަލުންނާއެކު މީގެ ދުވަސްކޮޅެއް ކުރިން ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭރު އޭނާ އެއްކޮށް މިނިވަނެއް ނުވެ އެވެ. ސަރުކާރުން ދިން ހުއްދައާއެކު އަދީބު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާއިރު ހަ މަސް ފަހުން އަނބުރާ ޑޮކްޓަރަށް ދެއްކުމަށް ވަނީ އަންގާފަ އެވެ.

ބޭސް ފަރުވާއިން އިންޑިއާއިން އެނބުރި ރާއްޖެ ވަޑައިގެން އަދީބު ވިދާޅުވެފައިވަނީ އޭނާއަކީ ޒިންމާއިން ރެކޭނެ އަދި ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ.