ސްރީލަންކާއިން ދިވެހިންނަށް ވިސާ ދޫކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލްރައްޒާގު އާއި ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްއާ މަޝްވަރާ ކުރައްވައިފި އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރާއި ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްއާ ކުރެއްވި ބައްދަލު ކުރެއްވުމުގައި ލަންކާގެ ވިސާ ހޯދުމުގައި ދިވެހިންނަށް ވީހާ ވެސް ފަސޭހަ ގޮތްތަތަކެއް ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވި ކަމަށް ލަންކާާގައި ހުންނަ ދިވެހި އެމްބަސީން ބުންޏެވެ.
ލަންކާގެ ވިސާގެ މައްސަލާގައި ދިވެހި ސަފީރު އުމަރާއި ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލާއާ ބައްދަލުކުރެއްވިއިރު، މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގައި އަދިވެސް ކުއްލި ހާލަތު އިއުލާންކޮށްފައި އޮތުމުން އިމިގްރޭޝަނާ ގުޅުން ހުރި ކަންކަމުގައި ކުރިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ގެންގެޅޭ ކަމަށް ވެސް އެ ބައްދަލު ކުރެއްވުމުގައި ލަންކާގެ އިމިގްރޭޝަންގެ ކޮންޓްރޯލަރު ވިދާޅުވި އެވެ. ނަމަވެސް، އެކަމުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިތަކެއް ހޯއްދަވައި ދެއްވާނެކަމަށް އެގައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވިކަމަށް އެމްބަސީން ވަނީ ބުނެފަ އެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައި ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން ވެސް ވަނީ ކުރިއަށް ވުރެ ހަރުކަށިކޮށްފަ އެވެ. ކުރިން އޮތް ގޮތުންނަމަ ޓޫރިސްޓު ވިސާގައި އެ ގައުމަށް އެތެރެވެ އެ ގައުމުގެ ރެސިޑެންސް ވިސާ ނެގެ އެވެ. ނަމަވެސް ފަހުން އުސޫލަށް ގެނައި ބަދަލާއެކު، ލަންކާގެ ރެސިޑެންސް ވިސާ ލިބޭނީ ލަންކާއަށް އެތެރެވުމުގެ ކުރިން އެ ގައުމެއްގައި ހުންނަ ލަންކާ އެމްބަސީންނެވެ.
ނަމަވެސް ލަންކާގައި މި ވަގުތު ރެސިޑެންސް ވިސާގައި ތިބި މީހުން އެ އުސޫލަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ. އަދި ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ލަންކާގައި ތިބެ ވިސާގެ މުއްދަތު އާ ކުރެވޭނެ އެވެ. ލަންކާގައި 15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅޭއިރު، ބޮމުގެ ހަމަލާތަކަށްފަހު ގިނަ ދިވެހި އާއިލާތަކެއް ވަނީ އެނބުރި ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.