ރިޕޯޓް

އަދީބަށް ދައްކަން އޮތީ ވަކި ކޮން ބިރެއް؟

އިންޑިއާއަށް ފިލަން ދިޔުމާއެކު ފާޅުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ދިވެހި ސަރުކާރަށާއި ފުލުހަށް ބޮޑު ތުހުމަތެއް ކުރި އެވެ. ބޭސްފަރުވާގެ ބަދަލުގައި އެގްރިމެންޓެއްގައި ސޮއިކޮށްފައި އޮތުމެވެ. ބަޔާނުގައި ބުނާ ގޮތުން އެއީ ކުރީ ސަރުކާރުންގެ އިސް ބޭފުޅުންނާ ދެކޮޅަށް ވަކި ގޮތަކަށް އަދީބު ބަޔާން ދެއްވުމަށް ހަދާފައިވާ އެގްރިމެންޓެކެވެ.

ބަޔާނުގައިވާ ގޮތުގައި އަދީބަށް ރާއްޖޭގައި އޮތީ ބިރެވެ! މަޖުބޫރު ކުރުވުމެވެ! މިނިވަންކަމެއް އަންމުދުން ނެތެވެ!

މިއަދު ކުއްލިއަކަށް އަދީބު ދައްކަވަން ފެށި "ބިރާއި މަޖުބޫރު" ކުރުމާއެކު ގިނަ ސުވާލުތަކެއް އުފެދެ އެވެ. ސަރުކާރާއެކު އަދީބު "ޑީލް"އަކަށް ގޮސް މި ސަރުކާރު އައި ފަހުން ދިން ބަޔާންތަކާއެކު ސުވާލު މިއޮތީ އުފެދިފަ އެވެ. އޭގެ ތެރޭގައި އެއް އިރެއްގައި އެންމެ އަރިސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ދިން ބަޔާން ވެސް ހިމެނެ އެވެ.

މިހާތަނަށް އަދީބު، ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެ މައްސަލާގައި އެކަންޏެވެ. އެ މައްސަލާގައި އޭނާ ވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބަޔާން ދީފަ އެވެ. ދެން އެއާ ބެހޭ ތަފްސީލް ވިދާޅުވާނީ ކޯޓުގައި ހެކި ބަސް ދެމުންނެވެ. ފަހަރުގައި މިއަދު އެކަން ކުރާނެ އެވެ. ބަޔާން ވަކި ގޮތަކަށް ދިނުމަށްފަހު އެއަށް އިއުތިރާޒު ކުރުމުގެ ފުރުސަތު ވެސް ޝަރީއަތުގައި އޮވެ އެވެ.

އަދީބު ރައީސް ޔާމީނާ ދެކޮޅަށް ފުލުހަށް ރަސްމީ ބަޔާނެއް އިހަށް ދުވަހު ދިން ނަމަވެސް، ރައީސް ޔާމީންގެ ބާރުވެރިކަން އޮތްއިރު ގިނަ އުނދަގޫތަކާއި ފިއްތުންތައް އަދީބަށާއި އޭނާގެ އާއިލާއަށް ކުރިމަތިވަމުންދިޔައިރު ޖަލުގައި އޮވެ ނެރުނު ގިނަ ނޫސް ބަޔާންތަކުގައި ވެސް އަދީބު ގިނަ ވާހަކަތަކެއް ކިޔައިދިނެވެ. ރައީސް ޔާމީންއާ ގުޅޭ ވެސް އެތައް ވާހަކައެކެވެ. އެއް މިލިއަން ޑޮލަރުގެ ވާހަކަ ވެސް ހިމެނެ އެވެ.

ރައީސް ޔާމީން ފިޔަވައި އެހެން ބައެއް ބޭފުޅުންނަށް ވެސް ބޮޑެތި ތުހުމަތުތައް ކުރުވައި ބޮޑެތި ވާހަކަތައް ޖަލުގައި އޮވެ ތިލަ ކުރަމުންދިޔަ އެވެ. އެ ވާހަކަތައް މީޑިއާއަށް އަޔަ ނުދިނުމަށް އޭރުގެ ސަރުކާރުން ލައްކަ މަސައްކަތް ވެސް ކުރި އެވެ. އެ ވާހަކަތައް ލިޔުނު ނޫސްވެރިން ފުލުހަށް ވެސް ގެންދިޔަ އެވެ. އޭރު އަދީބު މިހާރު އެ ބުނާ ބިރު ޔަގީނަށް ވެސް އޮތެވެ. އެކަމަކު، އަދީބު ވަކި ގޮތަކަށް ބަޔާން ދޭކަށް ނޫނެވެ. ވަކި ވާހަކަތަކެއް ދެއްކުން ހުއްޓުވާށެވެ.

ދެން އަންނަ ސުވާލަކީ އޭރު އަދީބު ދެއްކި ވާހަކަތަކެއް، ރަސްމީ ބަޔާނަށް ތިލަކުރަން އިތުރަށް ބިރެއް ދައްކަން ޖެހޭ ހެއްޔެވެ؟ ނޫންނަމަ އޭރު ދެއްކި ބޮޑު ވާހަކަތަކަކީ ދޮގު ހެއްޔެވެ؟ ރައީސް ޔާމީންއާ ގުޅޭ ހުރިހާ ވާހަކައެއް ހިޔާލީ ވީ ހެއްޔެވެ؟ މި ސަރުކާރުން ދެއްކީ ކޮން ބިރެއް ހެއްޔެވެ؟ ދައްކަން އޮތީ ކޮން ބިރެއް ހެއްޔެވެ؟

އެ ސުވާލުތަކުގެ ޖަވާބެއް އަދި ނެތެވެ. އެކަމަކު އެއް ކަމެއް ސާފުވެއްޖެ އެވެ. އަދީބުގެ ވާހަކަތައް ދެން ގަބޫލު ކުރަން ވަރަށް އުނދަގޫވާނެ ކަމެވެ. އެއީ ޝަރީއަތުގައިދޭ ހެކި ބަހެއް ވިޔަސް ތަހުގީގު އިދާރާއަކަށްދޭ ބަޔާނެއް ވިޔަސް ނެރޭ ނޫސް ބަޔާނެއް ވިޔަސްމެ އެވެ. ބިރު ދައްކައިގެން ދައްކާފައި އޮތީ ނޫނީ ދައްކާނީ އެއިން ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ. އެއެއް އަދީބު ބުނެ ވެސް ނުދިނެވެ.

އަދީބަށް އިއްވި ހުރިހާ ހުކުމެއް ކުއްލިއަކަށް ގޮސް އޮތީ އުވިފަ އެވެ. ބާތިލްވެފަ އެވެ. އޭނާ ފިލީ އެ ހުކުމްތަކުން މިނިވަންވެފައި ހުއްޓަ އެވެ. އެކަމަކު، އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށް ދެކެން ޔަގީނަށް ވެސް ގިނަ ބަޔަކަށް ފަސޭހައެއް ނުވި އެވެ. ސަބަބަކީ އޭނާއަށް އަމާޒުވަމުންދާ ބޮޑެތި ބޮޑެތި ތުހުމަތުތަކާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު މަޖިލިސް ތެރެއިންނާއި އެހެން ވެސް ތަހުގީގީ އިދާރާތަކުން ވަނީ ބާރު ސްޕީޑްގައި ފަށާފަ އެވެ. އާ ކަންކަން ފެންމަތިވަމުންދިޔަ ނަމަވެސް މިހާތަނަށް ވެސް ގެއްލުނު ލޯ ލާރިއެއް ވެސް އަދި އަނބުރާ ނުހޯދެ އެވެ. އެ ފައިސާގެ މައުލޫމާތާއި އެއަށް ހެދި ގޮތެއް ވެސް އެންމެ ރަނގަޅަށް އެނގޭނީ އަދީބަށެވެ. އެހެންވީއިރު އަދީބު ފިލައިގެން ދިޔުމަކީ މި ގައުމަށް ފޫނުބެއްދޭނެ ގެއްލުމެކެވެ.

އެ ކޮރަޕްޝަންގެ މައްސަލައިން ހުދު ފޮތިކޮޅެއްހާ ސާފުވުމަކީ އަދީބަށް ކުރެވޭނެ ކަމެއް ނޫނެވެ. ސަރުކާރުން އެކަންކޮށް ދޭން ބޭނުން ވިޔަސް ނުވާނެ އެވެ. އާދައިގެ ދިރިއުޅުމެއްގެ ޒުވާނަކު ގައުމުގެ މަހުޖަނަކަށްވެ ބޮޑެތި ގައުމުތަކުގެ ބޮޑެތި މަހުޖަނުންނާ އެއް މޭޒަކަށް އެރޭ ފެންވަރަށް އޭނާ ދިޔައީ މާ އަވަހަށެވެ. އެ މަގު ސީދާ ނޫންކަން އަރައިގެން ދިޔަ ސްޕީޑުން އެނގެ އެވެ.

އެހެންވީއިރު އަދީބުގެ މި "ބަހަނާތަކަކީ" އެކަމުން ސަލާާމަތްވުމުގެ އުޒުރެއް ހެއްޔެވެ؟ ނޫންނަމަ އޭނާ ފިލުވަން ބަޔަކު އެހީވެ ދިނީ ހެއްޔެވެ؟ ކޮރަޕްޝަނުން މަންފާ ލިބުނު މީހުން އަނެއްކާވެސް އަދީބު ގާތަށް ދިޔައީ ހެއްޔެވެ؟ ސަރުކާރާ އެންމެ ގާތް ގުޅުމެއް އޮންނަ އިންްޑިއާގެ ހިމާޔަތް ހޯދުމަށް އަދީބު ފިލަން ދިޔައީ ކޮރަޕްޝަނުން ސަލާމަތްވާންތޯ ނޫނީ އަސްލަށް ވެސް ބިރުވެރިކަން އޮތީމާ ހެއްޔެވެ؟