ރިޕޯޓް

މުއާހަދާއާއެކު އަދީބު ފިލަން އިންޑިއާއަށް! އިއްތިފާގެއް؟

"އަދީބު ބަޔަކު ފިލުވީތޯ؟ ނުވަތަ މި ރާއްޖޭން ބަޔަކު އަދީބު ފުހެލަން އުޅުނީތޯ؟ ނުވަތަ ބަޔަކު އަދީބު ފިލަން މަޖޫބުރު ކުރުވީތޯ؟ ޓަގު ބޯޓެއްގައި ރާއްޖޭން "ފިލައިގެން" އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިފެހެއްޓުމާއެކު، އޭނާއާ ގާތް ގުޅުމެއް އޮންނަ އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ޓްވިޓާ ތެރެއަށް އޮއްސާލި ސުވާލުތަކެވެ.

ޒިންމާއިން ރެކިގެން ދުވަހަކުވެސް ނުފިލާނެ ކަމަށް ވިދާޅުވުމަށްފަހު، އަދީބު އިންޑިއާއިން ހިފެހެއްޓި ހަބަރާއެކު ގިނަ ބަޔަކަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ސަބަބަކީ މި ވަގުތައް ނަމަވެސް، ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މޭސްތިރިކަމުގެ ތުހުމަތު ކުރެވޭ އަދީބަކީ މިނިވަނަކަށްވާތީ އެވެ. ސުޕްރީމް ކޯޓުގެ އަމުރަކަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓިފައި އޮތުން ފިޔަވައި، އަދީބުގެ މައްޗަށް އެއްވެސް ހުކުމެއް ނެތެވެ. ދައުލަތުގެ ހަޒާނާއިން 1.4 ބިލިއަން ރުފިޔާ "ގެއްލުވާލި" މައްސަލައިގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އަދީބުގެ މައްޗަށް އިއްވި ދިގު ޖަލު ހުކުމްތަކުން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

ފުލުހުން ބޮޑުތަނުން ފެއިލް

ރައީސް ޔާމީން އަދީބު ބޭސްފަރުވާއަށް ނުފޮނުވީ އޭނާ ފިލާފާނެކަމުގެ ބިރަށެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، އޭރު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބަށް ބޮޑެތި ލުއިތަކެއް ދެއްވި އެވެ. ޑޮކްޓަރަށް ދައްކަން މާލެ ގެނަ އެވެ. އަދި ފަހުން ގޭ ބަންދަށް ބަދަލުކުރެވިގެންދިޔަ އެވެ. ނަމަވެސް، އަދީބުގެ ސިއްހީ ހާލުކޮޅު ދަށްވެގެންދާތީ، އިންސާނަކަށްވީތީ ބޭސްފަރުވާގެ ހައްގު ދިނުމަށްޓަކައި ފުލް ސެކިޔުރިޓީއާއެކު މިދިޔަ ޖޫން މަހު އޭނާ ބޭސްފަރުވާއަށް ފޮނުވި އެވެ. އަދި ބޭސްކޮށް ނިމިގެން އަދީބު އަނބުރާ ރާއްޖެ ގެނެސް، ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އުފާ ފާޅުވެސް ކުރި އެވެ.

ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި، އޭގެ ފަހުން ވެސް ފުލުހުން ދިޔައީ އަދީބަށް ފާރަލަމުންނެވެ. އަދި އެންމެ ފަހުން މިދިޔަ ހަފްތާގައިވެސް އަދީބު ވަނީ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން ބަޔާނެއް ވެސް ދެއްވައިފަ އެވެ. އެހެނަސް މިނިވަން ދުވަހާ ގުޅުވައިގެން ލިބުނު ތިން ދުވަހުގެ ބަންދުގައި އާއިލާއާއެކު ރިސޯޓަށް ވަޑައިގަތީ ފުލުހުންގެ އިޒުނައާވެސް އެކުގައިކަމަށްވެ އެވެ. އަދި އެ ރިސޯޓަށް އަދީބު ވަޑައިގެންނެވިކަމަށްވެސް އަވަސް އަށް ވަނީ މައުލޫމާތުލިބިފަ އެވެ. އެ ބުނާ ޓަގު ބޯޓަކަށް އެރީ ރިސޯޓުން އެނބުރި އައި މަގުމަތީގައި ކަނޑުމަތިންކަމަށް ބެލުމުގެ ފުރުސަތު ލިބެނީ އެހެންވެ އެވެ. އަދީބު ދަތުރުކުރި ކަމަށް ބުނާ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު ރާއްޖޭގައި މަޑުކުރީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔަ މަގުމަތީ އެވެ. އެ ބޯޓު މިދިޔަ ހޮނިހިރު ދުވަހު ހުޅާމާލެ ބޭރުގައި އޮތް ކަމަށް ދައްކަ އެވެ.

ހިޔާނާތުގެ މައްސަލާގައި އިރުއިރުކޮޅާ އަދީބު ފުލުހަށް ހާޒިރުކޮށްގެން ބަޔާން ނަގަނީ، އަދިވެސް އަޑި ނޭނގޭ ގިނަ މައުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާތީކަން ސާފެވެ. ކަން އެހެން އޮތް އިރު އެފަދަ މީހަކަށް ފާރަވެރިވުމުގައި ފުލުހުން އެވަނީ ވަރަށް ބޮޑުތަނުން ފެއިލްވެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަދީބު ގައުމުގައި ނެތް ކަން ނޫނީ ރިސޯޓުން އެނބުރި މާލެ ނާންނަކަން ފުލުހުންނަށް "ނޭނގުމަކީ" ހައިރާންވެ ލަދުގަންނަންޖެހޭ ބޮޑު މައްސަލައެކެވެ.

ގާނޫނީ އެހީތެރިކަން ބަދަލުކުރާ މުއާހަދާ

ދުނިޔޭގެ ކޮންމެ ގައުމަކަށް ފިލަން ދިޔުމުގެ ގާބިލުކަން ހުރި އަދީބު ފަދަ ބޭފުޅަކު އިންޑިއާ ހިޔާރު ކުރައްވާފައިވަނީ ޖިނާއީ މައްސަލަތައް ހުއްޓުވުމަށް ރާއްޖެއާއި އިންޑިޔާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަށް މަޖިލީހުން ރުހުން ދޭން ފާސްކޮށްފައިވަނި ކޮށެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މުއާހަދާ 2011 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައިވަނިކޮށް، ކުއްލި ގޮތަކަށް އެ އެއްބަސްވުމުގައި ސޮއި ކުރަން އުޅެން ފެށުމުން އެތަކެއް ސުވާލެއް އުފެދެ އެވެ.

ޖުމުލަ 26 މާއްދާއެއް އެކުލެވޭ އެ މުއާހަދާގައިވާ ގޮތުން ސޮއި ކުރެވޭ ދެ ގައުމަކުން ކުރެ ގައުމަކުން އެދިއްޖެ ނަމަ ތަހުގީގަށް މައުލޫމާތެއް ހޯދަން އެއް ގައުމުން އަނެއް ގައުމަށް މީހަކު ގެންދެވިދާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ކަމަށް މުއާހަދާގައިވެ އެވެ. އަދި އެ މީހާގެ ހުއްދަ ވެސް އޮވެގެން ކަމަށް ވެސް އެ މުއާހަދާގައި ބުނެފައިވެ އެވެ. އަދި އެ މީހަކު ހަވާލު ކުރެވޭ ގައުމެއްގެ ގާނޫނުގެ ދަށުން އޭނާ ބަންދު ކުރަން ޖެހިއްޖެ ނަމަ ބަންދު ކުރެވޭނެ ކަމަށާއި ނަމަވެސް ގެންދިޔަ ބޭނުން ފުރިހަމަވުމުން އަނބުރާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް މުއާހަދާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ޖިނާއީ ތަހުގީގެއް ކުރިޔަށް ދާއިރު ތުހުމަތު ކުރެވޭ މީހާ ހުރި ތަނަކާއި އޭނާގެ މާލީ މުއާމަލާތްތަކާ ގުޅޭ ރިކޯޑުތަކާއި ބެންކިން އަދި އިންވެސްޓްމަންޓާ ގުޅުން ހުރި ކަންކަން ފޯރުކޮށްދޭން ޖެހެ އެވެ.

އެ މުއާހަދާގައި އަދި ސޮއިނުކުރާ ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުރިން ހިނގާފައި ހުންނަ ކަންކަމަށްވެސް ދެ ގައުމުން އެއްބާރުލުން ދޭންޖެހޭނެކަމަށް އެ އެއްބަސްވުމުގައި ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. ދެން އުފެދޭ ސުވާލަކީ އަދީބު ފިލަން އިންޑިއާ ހިޔާރުކުރުމާ، ފުލުހުންނަށް އެކަން "ނޭނގުމާ" އެ މުއާހަދާއާ މިއީ ހައްތަހާވެސް އިއްތިފާގު ބާވަ އެވެ.

ސަބަބަކީ އާ ސަރުކާރާއެކު "ޑީލެއް" ކަމަށް ޝައްކު އުފެދޭ އެތައް ކަމެއް އަދީބާ ގުޅުވައިގެން މިހާރުވެސް ހިނގަމުންދާތީ އެވެ. ކުރިން ހައްޕު ކިޔައިގެން ހުންނެވި އަދީބު ގެންދަވަނީ ހިޔާނާތުގެ މައްސަލާގައި ކުރީ ސަރުކާރުގެ "ބޮޑުންނާ" ދެކޮޅަށް ގިނަ މައުލޫމާތުތަކެއް ތަހުގީގުތަކަށް ހާމަކުރައްވަމުންނެވެ. ނަމަވެސް، އެއްވެސް ހާލެއްގައި އެ ހިޔާނާތުން މުޅީން ބަރީއަވުމުގެ ފުރުސަތެއް މި ސަރުކާރަކަށް އަދީބަކަށް ދެވޭނެ ތަނެއް ނުފެނެ އެވެ. އެއްވެސް ދިވެއްސަކު އެކަން ބަލައިނުގަންނާނެތީ އެވެ. އެކަމަކު އަދީބުގެ ބޭނުން އަދިވެސް ހިފަންޖެހެ އެވެ. އެހެން "ބޮޑުންނަށް" ޝަރީއަތްކޮށް އަދަބު ދޭން އަދީބުގެ ހެކިބަސް ލާޒިމްވާތީ އެވެ.

އަދީބު "ފިލުވީ" ނޫނީ "ފިލަން މަޖުބޫރުކުރުވީ" ކަމަށް ބުނެ ޝުމްބާ ކުރި ސުވާލުތަކާއެކު އެކަމަށް ބާރު ލިބެ އެވެ. އިންޑިއާއާއެކު ސޮއި ކުރުމާއެކު އެ މުއާހަދާއިން ސަރުކާރުގެ ހުރިހާ ބޮލު ރިހުމެއް ފިލީ އެވެ. އަދީބު އިންޑިއާގައި ބަހައްޓައިގެން، އަދީބުގެ ހެކި ބަހާ ބަޔާންތައް އެ މުއާހަދާ މެދުވެރިކޮށް ފޯރުކޮށްދެވޭނެ މަގު ހުޅުވޭނެ އެވެ. އެ މުއާހަދާގައިވާ ގޮތުން، އަދީބު ހައްޔަރުކޮށްފައި ބެހެއްޓުންވެސް ލާޒިމެއް ނޫނެވެ. މިނިވަނެއްގެ ގޮތުގައި ހުރެގެންވެސް އިންޑިއާ މެދުވެރިކޮށް ޝަރީއަތަށް ބޭނުންވާ ހުރިހާ ބަޔާންތަކެއް ޕީޖީއަށް ހޯދޭނެ އެވެ. އަދި އިންޑިއާއިން އަދީބު ހައްޔަރުކުރި ނަމަވެސް، އަނބުރާ ރާއްޖެއަށް ގެނެވޭނީ އޭނާ ބޭނުންވާނަމަ އެވެ. އެކަން ވަރަށް ސާފުކޮށް އެ މުއާހަދާގައި އޮތީ ލިޔެފަ އެވެ. އެއް ދޮނުގައި ދެ ބުޅިއެއް ނޫނެވެ. ތިން ހަތަރު ބުޅި އެޅުވުނީ އެވެ. އަދީބުގެ އެއްބާރުލުން ހޯދަން "މިނިވަން" ވެސް ކުރެވުނީ އެވެ. ހިޔާނާތުގެ މައްސަލާގައި ސަރުކާރު ބޭނުންވާ ބަޔަކަށް އަދަބު ދިނުމުގެ ދޮރު ވެސް ހުޅުވުނީ އެވެ. އަދީބު ޖަލަށްނުލާ ސަރުކާރަށް ސަލާމަތްވެސްވެވުނީ އެވެ.

މިހާރު ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަދީބު "ފިލުމުގެ" ޕްލޭން ފެއިލްކޮށްލީ އެ ބޯޓުގައި ހުރި ފަޅުވެރިއެކެވެ. ނަމަވެސް، ކަން ހިނގާ ގޮތަށް ބަލާއިރު، އެއީ އަދީބު "ފިލިކަން" ފަޅާއަރުވާލަން ޕްލޭންގެ ބައެއް ކަމުގައި ބެލުމުގެ ފުރުސަތުވެސް އެބަ އޮތެވެ. ކޮންމެ އަކަސް، އަދީބު އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިހާރު ފުލުހުން އެވަނީ ބުނެފަ އެވެ. ކުރިއަށްއޮތް ދުވަސްތަކުގައި އެކަން ފުލުހުންނަށް "ކާމިޔާބު" ވާނެތޯ ބަލަން ތިބޭނީ އެވެ.