ގައުމު ސިއްސުވާލި އެމްއެމްޕީއާރުސީގެ ތިން ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި މުޅި ދައުލަތް ޝާމިލުވެ އެވެ. އެ ވަގު ފައިސާތައް ނުހޭކޭ އަތެއް އޭރުގެ ސަރުކާރުގެ އިތުރުން މި ސަރުކާރުގައި ވެސް ނެތްކަން މިހާރު ސާފެވެ. ދާދި ފަހުން ހާމަކުރި މައުލޫމާތުތައް ބަލާއިރު، އެ ލިސްޓު 250 އަށް ވުރެ މައްޗަށް އަރަ އެވެ. ނަމަވެސް، އެ މައްސަލަ އަދިވެސް ނިއުޅަމުން އަންނައިރު، މިހާތަނަށް އެ ވައްކަމާ ގުޅިގެން ދައުވާ އުފުލާފައިވަނީ ހަމައެކަނި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބް ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއީރުސީގެ ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔާތު މައްޗަށެވެ.
މި ފަހުން އެ ހިޔާނާތުގައި ފަސްބައި ހަޑިވި މީހުންގެ މައުލޫމާތަކީ އަދީބު ހިއްސާކޮށްފައިވާ މައުލޫމާތުކަން މި ވަނީ ހާމަވެފަ އެވެ. އޭނާ ގެންގުޅުނު ފޯނުތަކާއި ލެޕްޓޮޕްތަކުން ފެނިފައިވާ މެސެޖުތަކާއި އީމެއިލްތަކުން "ހަދިޔާ" ލިބުނު އެންމެން ވަނީ ފަޅާއަރައިފަ އެވެ. ތަހުގީގަށް އެއްބާރުލުން ދިނުމުން އަދީބަށް ލިބޭ "ހަދިޔާ" އަކީ އެކަމުގައި ދެވެން އޮތް އެންމެ ލުއި އަދަބެވެ.
އެ ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާއިރު، ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއަށް އެންމެ ބޮޑު ހުކުމެއްގެ ގޮތުގައި 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ހިމަނާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލާފައި ވަނީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފަ އެވެ.
އަދީބަށް ހަތް ދައުވާ، ޒިޔަތަށް 33؟
ނަމަވެސް، އަދީބަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ހަމަ އެ ކުށުގައި އަދީބުގެ "އޯޑަރަށް" ހިޔާނާތް ހިންގުމުގައި އެހީތެރިވެދިންކަމުގެ ތުހުމަތު ކުރެވޭ ޒިޔަތަށް ކުރިންކޮށްފައިވާ ދައުވާތައް ކުރިއަށް ގެންދިޔުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް އޭނާގެ ގާނޫނީ ވަކީލުން ގަބޫލުކުރެ އެވެ.
އަދީބު މައްޗަށް ހަތް ދައުވާ މިފަހުން އުފުލިފައިވާ އިރު ޒިޔާތުގެ މައްޗަށް 33 ދައުވާ އުފުލި މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދީބެކޭ އެއް ފަދައިން ޒިޔަތުވެސް ވަނީ ތަހުގީގަށް އެއްބާރުލުންދީފަ އެވެ. އެހެންކަމުން، އިއުތިރާޕް އެއްބަސް ވުމެއްގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިދިޔަ މަހު ވަނީ ބުނެފަ އެވެ.
ނަމަވެސް، އޭގެ ހައެއްކަ ދުވަސް ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޒިޔާތުގެ މައްސަލައިގެ 30 އަށް ވުރެ ގިނަ ދައުވާ ތަކުގައި ދައުލަތުގެ ފަރާތުން މިފަދަ އެއްބަސް ވުމެއް ނުވަތަ ދައުވާތަށް މުރާޖާކުރާ ވާހަކަ ވެސް ދައްކާފައި ނުވެ އެވެ. އަދި ދައުލަތުން ވަނީ އެ ދައުވާތަކައިގެން ކުރިއަށް ގޮސް އަދި އިތުރު ހެކި ހުށެހެޅުމުގެ ވާހަކަވެސް ދައްކާފައިކަމަށް ޒިޔަތުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެ އެވެ.
"ކުށަށް އިއުތިރާފުވެ، އެއްބަސްވުމަކާ ހަމައަށް އާދެވިފައި ވަނިކޮށް ދައުލަތުގެ އިތުރު ވަސީލަތްތައް ބޭނުންކޮށް އިސްރާފު ކުރަން މިއުޅެނީ ކޮން އުސޫލަކުންތޯ،" ޒިޔަތުގެ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ޒިޔަތުގެ މައްސަލައިގެ އަޑުއެހުން ބާއްވާފައިވަނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އަދީބުގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުން ބުނިތާ އެއް ދުވަސް ފަހުންނެވެ.
އެ ދުވަހު ޕީޖީން ބުނީ އަދީބާއެކު ވެވިފައިވާ އެ އެއްބަސްވުމުގެ ދަށުން، ކުށަށް އިއުތިރާފުވެފައިވާތީ، އޭގެ ބަދަލެއްގެ ގޮތުގައި މާބިންހުރާ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް އެއްބަސްވެފައިވާނެ ކަމަށެވެ. އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުންނުވަނީ އެހެންވެކަމަށް ސުޕްރީމް ކޯޓުގައި ޕީޖީ އިތުރަށް ބުންޏެވެ. ޒިޔަތު މިހާރު ދަނީ ހަމަ ޅ. މާބިންހުރާ މައްސަލާގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އެއް ކުށެއްގައި ތަފާތުކުރުން
ޒިޔަތުގެ ގާނޫނީ ޓީމުގެ އިތުރުން އާއިލާއިންވެސް ކަންބޮޑުވަނީ އެހެންވީމަ އެވެ. ކުށަށް އިއުތިރާފުވެ ޒިޔަތުގެ ބަޔާނެއް މިހާރު ހިނގާ ޖޮއިންޓު ތަހުގީގު ޓީމަށް ދިނުމުގެ އިތުރުން، ދައުލަތާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް ހުރިއިރު، އެކަން ދިގުލައިގެން ދާންތީ ސުވާލު އުފެދެ އެވެ. އަދި ހާއްސަކޮށް ޒިޔަތަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެނައުމަށް ދައުލަތުން ފަސްޖެހެމުންދިޔުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާގެ ވަކީލުންގެ ޓީމުން ބުނެ އެވެ.
ދެން އެ ޓީމުން ފާހަގަކުރާ އެންމެ މުހިންމު ނުކުތާއަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. އެ އަމުރުގައި ބުނެފައިވަނީ އޭރު ސިޔާސީ ހައްޔަރީންގެ ގޮތުގައި ތިބި ބޭފުޅުންނަކީ ސިޔާސީ ބޭނުމަށްޓަކައި ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމްތަކެއް ކަމަށެވެ. އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާތިލުކޮށް އެ މައްސަލަތައް އަލުން ބަލަން ކޯޓުން އެންގީ ސުޕްރީމް ކޯޓުގެ އަމުރުގެ މައްޗަށް ބިނާކޮށެވެ.
"ޒިޔަތާއި އަދީބު ހައްޔަރުކުރީ އެއް ދުވަހެއްގައި. ތަހުގީގު ކުރީ އެއް ޓީމަކުން. އަދި އެއް ޝަރީއަތްކޮށް ހުކުމް ކުރީ އެއް ޝަރީއަތަކުން. އެހެންވީމާ، ޒިޔާތުގެ ތަހުގީގުތަކާއި ޝަރީއަތްތަކަކީވެސް ހަމަ އަދީބުއާއެކު އެކީގައި ހިންގާފައިވާ މައްސަލަތަކެއް ކަމުން، ސުޕްރީމް ކޯޓު އަމުރުގައިވާ ނުފޫޒު ޒިޔަތުގެ މައްސަލަތަކަށް ފޯރާފައިވާ ކަމަށް ބެލެވޭނެ ޖާގަ އޮންނާނެ،" އެ ވަކީލު ފާހަގަކުރެއްވި އެވެ.
ހިޔާނާތާ ގުޅިގެން އޭރު ހިންގި ތަހުގީގުތަކާއި ޝަރީއަތްތަކާބެހޭ ގޮތުން ސުވާލު އުފެދޭ ފަދަ ކަންކަން ފާހަގަ ކުރެވިފައިވާއިރު، މިފަދަ ބޮޑު ފަރަގެއް އެއް މައްސަލައެއްގައި އުޅޭ ދެފަރާތަކަށް އޮތުން ޒިޔަތުގެ ގާނޫނީ ޓީމަށް ގަބޫލުކުރަން ދަތިވެ އެވެ.
"މިއީ ދެވޭ އަނިޔާއެއް. މިއީ އިންސާފެއް ނޫން،" ގާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަ ކޮށް ހިންގޭ އެއްޗެއްކަން ފާހަގަކުރަމުން ޒިޔަތުގެ ވަކީލް ވިދާޅުވި އެވެ.