ހަބަރު

ދ. އަތޮޅަށް އެމްޓީސީސީ އިން ފެރީގެ ހިދުމަތް ފަށައިފި

Aug 4, 2019

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދ. އަތޮޅުގެ ރަށްތައް ފެރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ އަލަށް ފަށާ ފެރީތައް ދެ ރޫޓަކުން ދަތުރު ކުރާނެ ކަމަށެވެ. އެގޮތުން ރޫޓް 406 ގައި ހިމެނޭ ރަށްތަކަކީ މީދޫ އާއި ރިނބުދޫ އަދި ހުޅުދެލީގެ އިތުރުން ކުޑަހުވަދޫ ކަމަށާއި އެ ރޫޓުން ފެރީ ދަތުރުތައް ކުރާނީ ހޯމަ ދުވަހާއި ބުދަ ދުވަސް އަދި އަދި ހޮނިހިރު ދުވަހުގައި ކަމަށެވެ. އަދި ރޫޓް 407 ގެ މަގުން ދަތުރު ކުރާނީ މީދޫއާ، ބަނޑިދޫއާ، ވާނީއާ، މާއެނބޫދޫ އަދި ކުޑަހުވަދޫ ކަމަށާއި އެ މަގުން ދަތުރު ކުރާނީ އާދީއްތަ ދުވަހާއި އަންގާރަ ދުވަސް އަދި ބުރާސްފަތި ދުވަހުގައި ކަމަށް އެމްޓީސީސީ އިން ބުންޏެވެ. މީދު އާއި ކުޑަހުވަދޫ އާ ދެމެދު ހަފްތާއަކު ހަ ދަތުރު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެރީ ދަތުރުރުގެ އަގަކީ 20 ރުފިޔާ އެވެ. މި ފެރީގައި 100 މީހުންގެ ޖާގަ އޮތްއިރު، ފެރީގައި ބައިސްކަލުގެ އިތުރުން ލުއި ލަގެޖު ވެސް ގެންދެވެ އެވެ.

އެމްޓީސީސީ އިން ފެރީގެ ހިދުމަތް ފަށާފައިވަނީ މި ސަރަހައްދުގައި ހިދުމަތް ދެމުން ގެންދިޔަ ވާމިލިއަން އިންޓަނޭޝަނަލް އިން ދެމުން ގެންދިޔަ ހިދުމަތް ހުއްޓާލުމުންނެވެ.

އެ ކުންފުނިން އަންނަނީ ދަތުރު ފަތުރުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެގޮތުން އެޕްރީލް މަހު ހއ. އާއި ހދ. އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތުން ވަނީ ގުޅާލައިފަ އެވެ.