ދުނިޔެ

ސައުދީން ބާއްވާ ގުރުއާން މުބާރާތުގެ ބައިވެރިންގެ އަދަދު 30،000 އަށް

Aug 4, 2019

ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގުރުއާން ކިޔެވުމާއި ބަންގި ގޮވުމުގެ މުބާރާތުގައި ބައިވެރިވާން ތަފާތު 162 ގައުމަކުން 30،000 އަށް ވުރެ ގިނަ ފަރާތްތަކުން ހުށަހަޅައިފި އެވެ.

އެ ބައިނަލްއަގުވާމީ މުބާރާތުގައި ބައިވެރިވާން ހުށަހެޅުމުގެ ފުރުސަތު ކުރިން ޖުލައި 22 އާ ހަމައަށް ހުޅުވާލާފައިވަނިކޮށް، އެ މުއްދަތު މިހާރު ވަނީ އޯގަސްޓް 14 އާ ހަމައަށް އިތުރުކޮށްފަ އެވެ.

ގުރުއާން މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަށް ފަސް މިލިއަން ރިޔާލުގެ އިނާމެއް ކަނޑައަޅާފައިވާއިރު، ބަންގި ގޮވުމުގެ މުބާރާތުން އެއް ވަނަ ހޯދާ ފަރާތަށް ދެ މިލިއަން ރިޔާލުގެ އިނާމެއް ދޭން ޖީއީއޭ އިން ވަނީ ހަމަޖައްސައިފަ އެވެ.

ޖީއީއޭ އަކީ ސައުދީ ރަސްގެފާނުގެ ހާއްސަ ގަރާރެއްގެ ދަށުން އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވައި އެކި ހަރަކާތްތައް ހިންގުމަށް 2016 ވަނަ އުފެއްދި އިދާރާއެކެވެ.

އެފަދަ ހަރަކާތްތައް ހިންގުމުގެ އިތުރުން، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގައި ވެސް ޖީއީއޭއިން އިސް ދައުރެއް އަދާކުރެ އެވެ.