ހަބަރު

އުކުޅަހު ނަރުދަމާގެ މަސައްކަތް ސްޓެލްކޯއަށް

އއ. އުކުޅަހު ނަރުދަމާގެ މަސައްކަތް ސްޓެލްކޯއާ މިއަދު ހަވާލުކޮށްފި އެވެ.

އުކުޅަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެރަށު ނަރުދަމާގެ މަސައްކަތާ ހަވާލުވުމުގެ ގޮތުން އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. އަދި ރެގިއުލޭޓް ކުރުމަށް އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން، ސްޓޭޓް މިނިސްޓަރު އަަހްމަދު މުޖުތަބާ ސޮއި ކުރެއްވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސްޓެލްކޯގެ އެމްޑީ ވިދާޅުވީ، އެ ކުންފުނީގެ ފުރަތަމަ ނަރުދަމާގެ މަސައްކަތަށް ހަވާލުވަނީ އުކުޅަހުގެ ނަރުދަމާއަށް ކަމަށާއި އެ ރަށަކީ ސްޓެލްކޯއަށާއި ސަރުކާރަށްވެސް ވަރަށް ހާއްސަ ރަށެއް ކަމަށެވެ.
އުކުޅަހުގައި މިހާރު ވެސް ކަރަންޓާއި ފެނުގެ ނިޒާމް ބަލަހައްޓަމުން އަންނަނީ ސްޓެލްކޯއިންނެވެ. އުކުޅަހަށް ދޭ މައިގަނޑު ތިން އަސާސީ ހިދުމަތް ދޭން އެ ކުންފުނި ތައްޔާރުގައި ތިބި ކަމަށް ވިދާޅުވި އެވެ.

"ސްޓެލްކޯގެ ހިދުމަތް އެހެން ރަށްރަަށުގައި ދޭ ގޮތަށް ވަރަށްވެސް ރިލައިބަލް ރަނގަޅު ހިދުމަތަކަށް ވާންޖެހޭނެ،" މުގުނީ ވިދާޅުވި އެެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން، އެންވާރަަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ޔޫޓިލިޓީ ހިދުމަތްތައްދޭ އިރު އެންމެ މުހިއްމު ކަމަކަށް ވަނީ އެ ކަން ގާއިމު ކުރުމަށްފަަހު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުން ކަމަށެވެ. އަަދި ސަަސްޓެއިނަބަލްކޮށް ހިދުމަތްތައްދޭ އިރު ގޮންޖެހުންތަކާ ދިމާވިޔަސް ސަރުކާރުން އެ ގޮންޖެހުންތަކާ ކުރިމަތިލާނެ ކަމަށެވެ.

އަދި ވިދާޅުވީ، ތަފާތުު ކުރުމެއް ނެތި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކޮށްފައިވާއިރު، އެކަމަކީ ވަރަށް މަދުން ނޫނީ ދުނިޔޭގައި ނުފެންނާނެ ކަމެއް ކަމަށެވެ. އެއީ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގައުމެއްގެ 100 ޕަސެންޓް މީހުންނަށް ގާއިމްކޮށްދިނުމަކީ އުނދަގޫ ކަމަކަށް ވާތީ އެވެ.

އިތުރަށް ވިދާޅުވީ، ރެގިއުލޭޓް ކުރާ ފަަރާތުގެ ހައިސިއްޔަތުން ހިދުމަތްދެވޭ ގޮތް ބަލާނެ ކަމަށެވެ. އަދި އުއްމީދު ކުރަނީ ރަައްޔިތުންނަށް އަސާސީ ލެވެލް އެއްގައި ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ ހިދުމަތްތައް ގާއިމްވުން ކަމަށެވެ.

އުކުޅަހަކީ ލޯކަލް ޓޫރިޒަމް ކުރިއަރުވަމުން އަންނަ ރަށެކެވެ. އެހެންކަމުން މި ރަަށަށް ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމް ކުރެވިގެން ދިއުމަކީ ރަށް ކުރިއެރުމަށް ފަހިވެގެންދާ އިތުރު ފުރުސަތުތަކެއް ކަމަށް ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.