ދިވެހި ޕްރެމިއާ ލީގް

ރިޒޭގެ ހެޓްރިކުން އީގަލްސް ގަދަ ހަތަރަކަށް

ށ. ފޯކައިދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-2 ގެ ނަތީޖާ އަކުން ކުރި ހޯދައި ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ގަދަ ހަތަރެއްގެ ތެރެއަށް ކުލަބު އީގަލްސް ވަދެއްޖެ އެވެ.

މިރޭ ދަ ގްރޭންޑޭ އާއި ޓީސީ ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މި ހަފުތާގެ މެޗުތަކުން އީގަލްސް ގަދަ ހަތަރެއްގައި އޮންނާނެ އެވެ. މެޗުން ލިބުނު ތިން ޕޮއިންޓާއެކު އީގަލްސް ވަނީ ޖުމުލަ ނުވަ ޕޮއިންޓް ހޯދާފަ އެވެ.

މެޗުގައި އީގަލްސް ކޮޅަށް ނަތީޖާ އަނބުރާލުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ހެޓްރިކާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ރިޒްވާން ރިޒޭ އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު ރިޒޭ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެޕެނަލްޓީއަކީ ފޯކައިދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އީގަލްސްގެ އަލީ ފާސިރު ސެންޓޭ އަށް، ފޯކައިދޫގެ އަލީ ޝާމިއު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މެޗުގައި ފޯކައިދޫގެ ގޯލް ބެލެހެއްޓީ ޓީމުގެ ދެވަނަ ކީޕަރު ހުސައިން ޝިފާދު މުހައްމަދެވެ. އެ ޓީމުގެ އެއް ވަނަ ކީޕަރު ޕާކިސްތާންގެ ސާގިބް ހަނީފް މި ވަގުތު ރާއްޖޭގައި ނެތެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔައާ ހަމަޔަށް 26 ދުވަހަށް ލީގް ބްރޭކް ވުމުން ގައުމަށްގޮސް އޭނާ އެނބުރި އަދި އައިސްފައެއް ނުވެ އެވެ.

ރިޒޭ ޖެހި ޕެނަލްޓީ އަށް ޝިފާދު ހަރަކާތް ކުރީވެސް ރަނގަޅު ފަޅި އަށެވެ. ރިޒޭ ބޯޅަ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ. އެހެންވެ އެ ބޯޅަ ޝިފާދުގެ އަތުގައި ލައްވާލާ ގޮތެއް ނުވި އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު، ތަޖުރިބާކާރު މިޑްފީލްޑަރު އިމްރާން ނަޝީދު ކާމިޔާބު ކުރީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ. ޒުވާން ފޯވަޑް ހަސަން ރާއިފް އަހްމަދު ހަންނަ ނަގައިދިން ހުރަސް އިންމަ ގޯލްގެ ތެރެއަށް ވައްދާލީ ފުންނާބުން ޖަހަ އެވެ.

އީގަލްސްގެ ތިން ވަނަ ލަނޑު ރިޒޭ ކާމިޔާބު ކުރީ، އީގަލްސްގެ ފަހަތުން ޓީމުގެ ކެޕްޓަން ހުސައިން ޝިފާއު ކްރޯ، ފޯކައިދޫގެ ހާފުގެ ތެރެއަށް ނަގައިދިން ބޯޅަ ރިޒޭ ސްޕީޑް ބޭނުން ކޮށްގެން ބޯޅަ ހޯދައި، އޭނާ މުލިން ހުސްވި އެވެ. ބޯޅަ އަށް ހުރަސް އަޅަން ހުރީ ކީޕަރު ޝިފާދު އެކަންޏެވެ. ރިޒޭ ވަނީ ކީޕަރު ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

އީގަލްސްގެ ހަތަރު ވަނަ ލަނޑު ސެންޓޭ ކާމިޔާބު ކުރީ މެޗުގެ 63 ވަނަ މިނެޓްގަ އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ރިޒޭ ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ވަރަށް ބަލާލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ރިޒޭ ހެޓްރިކް ހެދީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. އީގަލްސްގެ މެދުތެރެއިން އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ގޯލްގެ ދުރު ކަނަށް ބޯޅަ ވައްދާލީ ކީޕަރަށްވެސް ފުރުސަތު ނުދީ އެވެ.

ފަސް ލަނޑުގެ ބޮޑު ލީޑަކާއެކު އީގަލްސް އަށް މެޗު ކާމިޔާބު ކުރެވެން އޮތް ނަމަވެސް ފޯކައިދޫއިން ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ތިން ލަނޑަށް ކުޑަ ކުރި އެވެ. އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް މޯހަން ބުނީ އީގަލްސް ކުޅޭ ސްޓައިލްގެ ގޮތުން އިދިކޮޅު ޓީމަށް ފުރުސަތު ލިބޭނެ ކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް ބައިކޮޅަށް ވަންނަ ވަރަށް ވުރެ އިތުރަށް އިދިކޮޅު ޓީމު ކޮޅަށް ލަނޑު ޖެހުމުން މެޗުން ހާސިލު ކުރަން ޖެހޭ ޓާގެޓް ހާސިލު ވީ ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.

ފޯކައިދޫގެ ފުރަތަމަ ލަނޑު މިސްރުގެ ކުޅުންތެރިޔާ ހަލީލް ގަމާލް ކާމިޔާބު ކުރީ މެޗުގެ 75 ވަނަ މިނެޓް ގައެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު އޭނާ އޮތީ އޭރިއާ ތެރޭގައި ހުސްކޮށެވެ. އީގަލްސްގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު ސޫޖަން ޕެރޭރާ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ފޯކައިދޫގެ ދެ ވަނަ ލަނޑަކީ، މެޗުގެ 88 ވަނަ މިނެޓްގައި އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކީޕަރު ސޫޖަން، ފޯކައިދޫގެ ހަސަން ނަޒީމް ޗޯޓް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ބޯޅަ ހިފައިގެން ހުހަށް އެރި ޗޯޓް އަށް ސޫޖަން ކުރީ ވަރުގަދަ ޓެކްލްއެކެވެ. ފޯކައިދޫގެ ކޯޗް އަލީ ނީޝާތާރު މުހައްމަދު ބުނީ، އެ ފައުލަކީ ސޫޖަން އަށް ރަތް ކާޑު ދައްކަން ޖެހޭ ވަރުގެ ފައުލެއް ކަމަށެވެ. އެހެންނަމަވެސް ރެފްރީ ރީނދޫ ކާޑަކުން ފުއްދާލި އެވެ.

"ބަދަލު ރެފްރީގެ ސަމާލަުކަމަށްވެސް އެކަން ގެނައިން، އެއީ ރަތް ކާޑު ދައްކަން ޖެހޭ ވަރުގެ ފައުލެއް." ޕޯސްޓް މެޗް ޕްރެސްގައި ވާހަކަ ދައްކަމުން ނިޝްތާރު ބުންޏެވެ. ޕެނަލްޓީ ކާމިޔާބު ކުރީވެސް ޗޯޓް އެވެ. އޭނާ ޕެނަލްޓީ ވައްދާލީ ގޯލްގެ މަތީ ކަނަށް އަމާޒުވާ ގޮތަށެވެ.

ފޮޓޯ: އެފްއޭއެމް