ހަބަރު

24 ގަޑިއިރު ވެއްޖެ، އަދީބު ކޯޓަށް ހާޒިރުނުކުރެވޭނަމަ މިނިވަންކުރޭ: އެމްޓީޑީ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑިއިރު ވެފައިވާ ކަމަށާއި، އެ ހާލަތުގައި އަދީބު ކޯޓަށް ހާޒިރު ކުރަން ނުވަތަ ދޫކޮށްލަން ޖެހޭ ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީން) ބުނެފި އެވެ.

އެމްޓީޑީގެ ނައިބް ރައީސް ޔާމީން ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޕާޓީގެ ރައީސް އަހުމަދު އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑި އިރުވެފައިވާއިރު، އޭނާއަށް ވީގޮތެއް ނޭނގޭ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަަމަށެވެ.

ޔާމީން ވިދާޅުވީ، އަދީބު ހައްޔަރުކޮށްފައިވާކަން ފުލުހުން އިއުލާން ކުރިތާ 24 ގަޑި އިރުވެފައިވާ ކަމަށާއި، އެ ހާލަތުގައި އަދީބު ކުރިމިނަލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް، ބަންދާއިމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ. އެހެން ނޫން ކަމަށްވާނަމަ އަދީބު ދޫކޮށްލަންޖެހޭ ކަމަށެވެ.

ޔާމީން ކުރެއްވި ޓުވީޓް

ޓަގު ބޯޓެއްގައި ރާއްޖެއިން ފިއްލަވައިގެން އިންޑިޔާއަށް އެތެރެވާން އުޅުމުގެ ތެރޭގައި އަދީބު އަތުލައިގަތް އިރު، އޭނާ އަދި ރާއްޖެ ނުގެނެވޭ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ. ފުލުހުން އެގޮތަށް ބުނީ އަދީބު ރާއްޖެ ގެނެސް މިހާރު ދޫނިދޫގައި ބަންދުކޮށްފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އަދީބު އަދިވެސް މާލެ ގެނެސްފައި ނުވާ ކަމަށާއި އޭނާ ގެނެވުނުހާ އަވަހަކަށް އެކަން އަނގާނެ ކަމަށެވެ.

އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.