ލައިފްސްޓައިލް

އެކަނި ވެސް ކޮފީއަށް ގޮސްލަން ވާނެ!

ކޮފީއަކަށް ދަންޔާ އަބަދުވެސް ކޮންމެވެސް ރައްޓެއްސަކަށް ގުޅާލާ ގަޑިއެއް ސެޓްކޮށްލާ ދާނެތަނެއް ކަނޑައެޅުމަކީ އަހަރުމެންގެ އާދަ އެވެ. ނަަމަވެސް މަޑުމަޑުން އާ ޓްރެންޑެއްވެސް އެބަ އާންމުވެ އެވެ. އޮފީސް، ނުވަތަ ކޮލެޖު ނިންމާލާ ކޮންމެވެސް ހިތްގައިމު ކެފޭއަކަށް ގޮސް އެކަނި ކޮފީ ތައްޓެއް ބޯލުމުގެ އަރާމު ހޯދާ ބޯހާސްކަން ފިލުވާލުމެވެ. އިރެއްގައި މިއީ އަހަރުމެންގެ ތެރޭގައި މާ އާއްމުކަމަކަށް ނުވެދާނެއެވެ.

ބައެއް މީހުން މިހާރުވެސް ކެފޭއަކަށްގޮސް އެކަނި އެއްޗެއް ކާން ނުވަތަ ބޯން ނުކެރި ފަސްޖެހެ އެވެ. ލަދުގަންނަނީ އެހެން މީހުން ބުނާނެ އެއްޗެއް ނުވަތަ އެހެންމީހުން ބަލާނެ ކަމަށް ހީކޮށެވެ. މާލޭ މިއޮތީ ބޮޑު ފުޑްކޯޓަކަށްވެފަ އެވެ. ކޮންމެ ހަތަރު އަނގޮޅި ކަންމައްޗެއްގައި ގޮތަކަށް ކޮންމެވެސް ކެފޭއެކެވެ. އަދި މިއިންތަނަކަށް އެކަނި ދިއުމަކީ މައްސަލައެއް ނޫނެވެ. ލަނދުގަންނަން ޖެހޭ ކަމެއްވެސް ނޫނެވެ.

ބިޒީ ދިރިއުޅުމެއް ވޭތުކުރާއިރު ކޮންމެ މީހަކުވެސް ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ދީ މަޑުޖެހިލުމަށް އެބަޖެހެއެވެ. ދިރިއުޅުމުގައި އަބަދުވެސް އެކި ޒިންމާތަށް އޮވެއެވެ. ބިޒީދުވަހެއް އޮފީހުގައި ވޭތުކޮށްފައި ގެއަށްވަންނައިރަށް ގިނަފަހަރަށް ކުދިންގެ ކަންކަމާއި ގޭތެރޭގެ އެހެން ޒިންމާތަކުގެ ސަބަބުން ބައެއް ފަހަރަށް ނޭވާލާނެ ފުރުސަތެއް ނޯންނަ އިހްސާސްކުރެވެއެވެ.

ކުދިކުދި ތަންކޮޅުތަކުގައި ގިނަ މީހުން އުޅޭއިރު މިގޮތަށް ވަގުތުކޮޅެއް އެކަނިވެލުމަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ވަށައިގެން މި އޮތް މޫދުކައިރީ ހިނގާލަން ދިއުމަކީ ކޮށްލެވިދާނެ ކަމެކެވެ. ހިނގަން ނުވަތަ ދުވަން ބޭނުން ނޫން ނަމަ އެކަނި ކޮފީތަށްޓެއް ބޯލަން ވަނުމަކީވެސް ސަޅި ކަމެކެވެ. ކޮފީއެއް ބޯލުމަކީ ފަސޭހައިން ކޮށްލެވޭނެ ކަމެކެވެ. ކެފޭތަކުގައި މިހާރު އޮންނަނީވެސް މި މާހައުލެވެ. ކޮންމެމީހަކަށްވެސް ކޮންމެވަގުތަކު އަޔަސް އަބަދު މަރުހަބާ ކިޔާލާ ގޮތަކަށެވެ. ހަމަޖެހިލައިގެން ޖައްސާލާނެ އަރާމު ސޯފާ ގޮނޑިތަކާއި މިގޮތަށް އެކަނި ދާނެ މީހަކު ބަލާލާނެ ބައެއް ފޮތްތަކެވެ. އެހެންކަމުން މިއީ ދިރިއުޅުމުގެ ބޯހާސްކަން ފިލުވާލާ ސިކުނޑިއަށް އަރާމު ލިބޭނެ ކަމެކެވެ.

ތަޖުރިބާކާރުން ބުނަނީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ވަގުތު ދޭންޖެހޭ ކަމަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބިޒީކޮށް ކޮންމެވެސް ކަމެއްގައި ޝަމިލުވެގެން ނޫޅޭނަމަ އަހަރުމެންނަށް ހީވެފައި އޮންނަނީ އަހަރުމެންނަށް ވަގުތުގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުުން ނުކުރެވެނީ ކަމަށެވެ.

އެހެންނަމަވެސް މީހާ މަޑުޖެހިލާ ހަމަޖެހިލަން ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ހުސްކޮށްލުމަކީ ދިރިއުޅުމާއި މެދު ފުންކޮށްވިސްނާލާ، މީހާގެ އަމިއްލަ ގޯލްތަކާއި ހަޔާތުގައި ދެން ކުރަން ބޭނުން ކަަމަކީ ކޮބައިތޯ ބަލާ އަދި އެކަމެއް ހާސިލްކުރާނެ ގޮތަކާއި މެދުވެސް ވިސްނާލުމަށް ލިބޭނެ ވަގުތުކޮޅެކެވެ.

ލިޔުންތެރިންނާއި ކުރެހުންތެރިން ފަދަ ހުނަރުވެރިން އެކަނި ވަގުތު ހޭދަކުރުމަށް ލޯބިކުރަނީވެސް އެކަނިވެލުމުން މީހާގެ ކްރިއޭޓިވިޓީ އިތުރުވާތީއެވެ. ކަންކަމުން އިންސްޕަޔާވެ އާ ހިޔާލުތަކަށް ފުރުސަތު ފަހިވެއެެވެ.

ކެފޭއެއްގައި ކޮފީއެއް ބުއިމުގައި ނަމަވެސް އެނޫން ކޮންމެ ތާކުވެސް އެކަނި ވަގުތު ހޭދަކުރާނަމަ އެހެންމީހުންގެ ނުފޫޒު ދިރިއުޅުމަށް ފޯރުކުރާގޮތްވެސް މަދުވެއެވެ. އަމިއްލަ ނަފްސާއި ދޭތެރޭ ވިސްނާނެ ފުރުސަތު ލިބުމުން ދެން ކަންކުރާންވީ ގޮތް ސާފުވެއެވެ. މިކަމުގެ ސަބަބުން އަމިއްލަ މީހާ ރަނގަޅަށް ދެނެގަނެވެއެވެ.

މީގެ އިތުރުން ތަޖުރިބާކާރުން ބުނާގޮތުގައި އެކަނި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ. އިންސާނުންނަކީ އަބަދުވެސް އެއްބަޔަކު އަނެއް ބަޔަކާއި ވަރަށް ބޮޑު ގުޅުމެއް ބާއްވަން ބޭނުންވާ ބަޔެއް ކަމުގައެވެ. އެހެންނަމަވެސް މަޑުޖެހިލާ އެކަނިވެލުންވެސް ނަފްސާނީ ދުޅަހެޔޮކަމަށް މުހިއްމުވެއެވެ. އެކަނިވެލާއިގެން އަމިއްލައަށް ނަފްސަށް ވަގުތު ހޯދާ މިކަމުން އުފާވެރިކަން ލިބޭ މީހުން ޑިޕްރެޝަނާއި ދުރުވާނެއެވެ. އަދި މިފަދަ މީހުން ހަޔާތުން އުފާވެރިކަން ލިބޭ މިންވަރު އިތުރުވެ ސްޓްރެސް މެނޭޖްކުރަން ދަންނަ މީހުން ކަމުގައިވެސްވެއެވެ.

ދެން އޮތް ކަމަކީ މިގޮތަށް އެކަނިވެލުމަށް ލިބޭ ވަގުތުކޮޅެއް ބައިވެރިޔާ އަށް ވެސް ހޯދާދިނުމެވެ. ދަރިން ބެލުމުގެ ޒިންމާ އަކީ ހަމައެކަނި މަންމަޔަކު އަދާކުރަންޖެހޭ ކަމެއްގެ ގޮތުގައި ނުބާއްވާ ދެމަފިރިން އެކީގައި ކުދިންގެ ކަންތަކުގައި ބައިވެރިވެ ކުރުމެވެ. މިއީ ހަޔާތުގައި އުފާވެރިކަން އިތުރުކޮށްދޭނެ ކަމެކެވެ. ކަންކަން ގަޑިން ގަޑިޔަށް ނިންމިފައި ހުރުމާއި އެކު އެކަކަށް ލޯޑު ބޮޑުވެ ސްޓްރެސްވުމުގެ ބަދަލުގައި ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ރާވަލައިގެން ބަހަލައިގެން އެކަނިވެލާ މަޑުޖެހިލަން ވަގުތުވެސް އެކަކު އަނެކަކަށް ހޯދާދެންވީއެވެ.

އެހެން ކަމުން ދިރިއުޅުމުގެ ކަންކަމުން ބޯހާސްކަން ފިލުވާލުމަށް އެކަނިވެލަން ކޮފީއެއް ބޯލަންވެސް ދާންވީއެވެ. މިކަމުން ލިބޭ ހިތްހަމަޖެހުން ހޯދާލަންވީއެވެ.