ލައިފްސްޓައިލް

އެއްމެން ހެއްވާލީ "ސްޕޭސް ޕެރޭޑް"ގެ އާ ވީޑިއޯއިން!

ޔޫޓިއުބް ވީޑިއޯ --

"ސްޕޭސްޕެެރޭޑް" މިއީ ތަފާތު ބަޔަކެވެ. ޒުވާނުން ތަކެއްގެ އިސްވެ ހުރެ އަމިއްލައަށް ވީޑިއޯ އުފައްދާ ބަޔެކެވެ. ތަފާތު ހެއްވާ މަޖާ ވީޑިއޯތަކެއް ހަދާ މި މީހުން ސޯޝަލް މީޑިއާ ދޫކޮށްލަނީ އެންމެން ހެއްވާލުމުގެ ބޭނުމުގަ އެވެ. މިހާތަނަށް މިކަހަލަ އެތައް ވީޑިއޯ ހަދާ ގިނަ ފޭނުން ހޯދާފައިވާ ސްޕޭސް ޕެރޭޑްގެ އާ ވީޑިއޯއަށް ވެސް ހިތް ދަމައިގަތެވެ.

ސްޕޭސް ޕެރޭޑް އިން މީގެ ފަސް އަހަރު ކުރިން އުފެއްދި ޔޫޓިއުބް ޗެނެލްގައި ހުންނަނީ މުނިފޫހިފިލުވުމުގެ ތަފާތު ވީޑިއޯ ތަކެކެވެ. ކޮންމެ ކަހަލަ ކަމެއްވެސް އެމީހުންގެ ސްޓައިލުގައި މަޖާ ކޮށްލާ، އާއްމުންނާ ގުޅޭނެ ކަހަލަ ގޮތަކަށް ވީޑިއޯ ކޮށް ދޫކޮށްލަނީ އެވެ.

އަހަރަކަށްފަހު މިފަހަރު "ދަ ޓޯކް" ކިޔާ ވީޑިއޯ އެއް ނެރެފައިވާ އިރު ފަސް މިނެޓުގެ މި ކުރު ވީޑިއޯ ބަލާލާ ކޮންމެ މީހަކަށްވެސް ހިނިގަނޑެއް ޖަހާ ނުލާ ނުހެރެވޭނެ ކަން ޔަގީނެވެ.

ވީޑިއޯގައި ދައްކުވާދެނީ ސްޕޭސް ޕެރޭޑްގެ ދެ އެކްޓަރުން އަދި ވީޑިއޯ އުފެއްދުމުގައި މަސައްކަތްވެސް ކުރާ އަހުމަދު އިޔާޝް މި ޓީމުގެ ދެވަނަ ބައިވެރިޔާ އާތީކް އެވެ. އިޔާޝް ފެންނަނީ ގައްޔޫމްގެ ގޮތުގަ އެވެ. އާތީކް އަކީ ގާސިމް އެވެ. ވީޑިއޯ ފަށަނީ ގާސިމް މެން ގެޔަށް ގައްޔޫމް ދާ ހިސާބުންނެވެ. އޭނާ އަންނަނީ ގާސިމް ކައިރީ ބޮޑު ވާހަކަ އެއް ބުނާށެވެ. ވަރަށް ސީރިއަސް ވާހަކަ އެކެވެ.

ގައްޔޫމް ދައްކަން އުޅޭ ވާހަކަ އަކީ އަދި ގާސިމް އުއްމީދުކޮށްގެން ހުރި ވާހަކަ އަކަށް ނުވިޔަސް އޭނާ އެ ވާހަކަ ދައްކަން ފަށައެވެ. އޯފަޕް އެއާ ޓެރަސް އެއްގައި މި "ބޮޑު ވާހަކަ" ދައްކަން ފަށާއިރު ދިމާވަނީ ތަފާތު ކަންކަމާ އެވެ.

ގާސިމް ގޭ ކައިރީ ބާސްކެޓް ކުޅޭތީ ޖަހާފައި ހުރި ލަވައިގެ އަޑު ގަދަ ކަމުން ގައްޔޫމް އަށް މި ވާހަކަ ދެއްކޭ ގޮތެއް ނުވެ އެވެ. ނަމަވެސް، ގާސިމް ވަރަށް ކޫލް ވެލާފައި އެ ވާހަކަ ދެއްކިދާނެ ކަމާއި މިއުޒިކާ ފައިޓް ނުކޮށް ވައިބް ވެލުމަށް ބުނެލަ އެވެ. ގޮތް ގޮތަށް ބޯ ތަޅުވާލަމުން ދިޔަ ވަރަކަށް "އެބަ ރަނގަޅު ވޭ" "އެބަ ރަނގަޅުވޭ" ބުނެލާ ގާސިމްގެ ހިތްވަރުވެސް ގައްޔޫމަށް ދެ އެވެ. ނަށަމުން ދިޔައިރު ދައްކަން އުޅޭ ވާހަކައިގެ ބޮޑު ކަމެއް އަދި ގާސިމަށް ރޭކާވެސް ނުލަ އެވެ.

ގައްޔޫމް އެގެއަށް އައި އިރުވެސް ގާސިމް ހުރީ މީހެއްގެ މެސެޖެއްގެ އިންތިޒާރުގަ އެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާގެ މެސެޖަކަށެވެ. ގައްޔޫމްގެ ބޮޑު ވާހަކަ އަކީ ވެސް މި އެވެ. އެ ގެޔަށްގޮސް ގައްޔޫމް ގާސިމް ގާތު ބުނަން އުޅޭ ވާހަކައަކީ ގައްޔޫމު މިހާރު ރައްޓެހިވެގެން އުޅެނީ ގާސިމްގެ ކުރީގެ ލޯބިވެރިޔާ އާ ކަމުގަ އެވެ.

ގާސިމްގެ ހިތް މަރާލަންވިޔަސް އެ ވާހަކަ ބުނަން، މިއުޒިކާ އެކު ނަށަމުން ގައްޔޫމް މަސައްކަތް ކުރެ އެވެ. މަޝްހޫރު މަހޭނެތިދާނޭގެ ސްޓެޕްތައްވެސް ދޭތެރެއަކުން ޖައްސާލަ އެވެ. މި ހުރިހާ ސްޓެޕްތަކާއެކު ގާސިމްގެ ބޮލަށް ވަރަށް އެރެވޭތޯ ގައްޔޫމް ބަލަ އެވެ. އަދި ބިޓުން ވާނެ ކަމާއި ކުރީގެ ލޯބިވެރިންނާ ހެދި އުޅޭނެ ކަމެއް ނެތް ކަމަށްވެސް އޮޅުވަ އޮޅުވާފައި ބުނެ އެވެ. އެހިސާބުން، ގާސިމް އަށް ކުޑަ ހިންޓެއް ލިބި ދައްކަން އުޅޭ ވާހަކަ ދެއްކުމަށް ބުނެ އެވެ. އެވާހަކަ ބުނުމުން ދެން ގާސިމް އަށް ވީ ގޮތް ބަލަން ވީޑިއޯ ބަލާލާށެވެ.

ވީޑިއޯ އަކުން ގެނެސްދިން މި ކުރު ތިނެސްކަން ލޯބީގެ މަޖާކަން ގެނެސްދިނީ ތަފާތު ސްޓައިލެއްގަ އެވެ.

ސްޕޭސް ޕެރޭޑުން ވާހަކަ ދައްކަމުން އިޔާޝް ބުނިގޮތުގައި މިއީ އަތީކް އާ އެކު ކެފޭއެއްގައި ވަރަށް ސީރިއަސް ވާހަކައެއް ދެއްކުމަށް ތިއްބާ އަސްލުވެސް ދިމާވި ކަމެއް ކަމަށެވެ. ކައިރީގައި ބާރަށް ލަވަޖެހުމުގެ ސަބަބުން ވާހަކަދައްކަން އުނދަގޫވެ ވީޑިއޯއެއް ހަދަން ހިޔާލު އައީ ކަމަށެވެ.

"ހިތަށްއެރީ މިއީ ސަޅި ކަމެކޭ ވީޑިއޯއެއްގަ ހިމަނާލަން، އެހެންވެ "ދަ ޓޯކް" ހެދީ. ސްޕޭސްޕެރޭޑްގައި މަސައްކަތް ކުރާ އެންމެންނަކީ ތަފާތު އެކި މަސައްކަތް ކުރާ މީހުން. މިގޮތަށް ވީޑިއޯ ހެދުމުގެ މަސަައްކަތަކީވެސް އެއްމެން އެއްކޮށް ޝައުގުވެރިކަމާއި އެކު ކުރާ ކަމެއް"

ސްޕޭސްޕެރޭޑްގެ ޓީމުން ބުނީ މިކަހަލަ އާ ވީޑިއޯތަކެއްގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށާއި ވަރަށް އަވަހަށް ދައްކާލާނެ ކަމަށެވެ.

މީގެ ހަފްތާއެއް ކުރިން އާންމުކުރި މި ވީޑިއޯ ތިން ހާހަށް ވުރެ ގިަ މީހުން ވަނީ ބަލާފަ އެވެ. ހާއްސަކޮށް ގާސިމް އާއި ގައްޔޫމްގެ މި "ޓޯކް" ޒުވާނުނެގެ މެދުގައި ވަރަށް މަގުބޫލުވި އެވެ.