ހޮލީވުޑް

ހަފްތާއެއް ތެރޭ އެންމެ ގިނަ މީހުން ބެލި ސީރީޒްއަކަށް "މަނީ ހައިސްޓް"

ނެޓްފްލިކްސްގައި ސްްޓްރީމްކުރާ ސީރީޒްތަކުގެ ތެރެއިން، ރިލީޒް ކުރިތާ އެންމެ ހަތް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ބެލި ސީރީޒް އަކަށް "މަނީ ހައިސްޓް 3"ވެ ނެޓްފްލިކްސްގެ ރެކޯޑް މުގުރާލައިފި އެވެ.

ސްޕެއިންގެ މަރުކަޒީ ބޭންކާއި ދައުލަތުގެ ބޭންކު ފަޅާލާ ބޮޑެތި ވައްކަންތަކެއް "ދަ ޕްރޮފެސާ" އާއި އޭނާގެ ރެކްރޫޓުން ކުރާ މަސައްކަތްތައް ކްރައިމް-ޑްރާމާ ސީރީޒް "މަނީ ހައިސްޓް" ގައި ފެނެ އެވެ. ސީރީޒްގެ ތިން ވަނަ ސީޒަން ރިލީޒްކުރިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 34 މިލިއަން މީހުން އެޕިސޯޑްތައް ބަލާފައިވާކަމަށް ނެޓްފްލިކްސްއާ ހަވާލާ ދީ ހަބަރުތަކުން ބުނެ އެެވެ.

"ލަ ކާސަ ދި ޕަޕޭލް"ގެ ނަމުގައި އުފައްދާފައިވާ ސްޕެނިޝް ޑްރާމާ ސީރީޒް "މަނީ ހައިސްޓް"އަށް ބަދަލުކޮށްގެން ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފެށީ 2017 ވަނަ އަހަރު އެވެ. ދިވެހިންގެ ތެރޭގައިވެސް މި ސީރީޒް ވަރަށް މަޝްހޫރެވެ.

ތިން ވަަނަ ސީސަންގެ ޓްރެއިލާ --

މުޅި ދުނިިޔޭގައިވެސް މި ސީރީޒްގެ މަގުބޫލުކަން އިތުރުވެފައިވާއިރު، އެންމެ ކަމުދަނީ ސީރީޒްގައި ވާހަކަ ގެނެސްދީފަައިވާ ގޮތް އަސްލު ކަމާއި މަންޒަރުތަކުގައި ހަގީގީ ކުލަޖައްސާފައިވާ ގޮތް ރީތިކަމުން ކަމަށް ބުނެ އެވެ.

މި ސީރީޒްގެ ތިން ވަނަ ސީޒަން ނިންމާލާފަައިވަނީ ހަތަރުވަނަ ސީޒަން އަށް އުއްމީދު ކުރުވާ ފަދަ ސުވާލުތަކެއް އުފައްދަަމުންނެވެ. "މަނީ ހައިސްޓް"އަކީ ދެ ސީޒަންގެ މައްޗަށް އެޕިސޯޑްތައް ރާވައިގެން އުފައްދަން ފެށި ސީރީޒްއެއް ނަމަވެސް، ތިން ވަނަ ސީޒަން އަކަށް ދިޔައީ ބެލުންތެރިންގެ ސަޕޯޓުގެ ސަބަބުންނެވެ.