ރައްޔިތުންގެ މަޖިލިސް

ކޯޓުން އަދީބު ދޫކޮށްލުމުން މަޖިލީހަށް ކުއްލި މައްސަލައެއް

އެމްޓީޑީގެ ލީޑަރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބަންދުން ދޫކޮށްލަން ކޯޓުން ކުރި އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ރާއްޖޭން ފިލައިގެން ގޮސް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓާފަ އެވެ. އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގަތް ނަމަވެސް އިންޑިއާއިން ވަނީ އަދީބު ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ރޭ ވަނީ ރާއްޖެ ގެނެސްފަ އެވެ.

ރާއްޖެ ގެނެސް އޭނާ ބަންދުގައި ބެހެއްޓުމަށް ރޭ އަދީބު ކްރިމިނަލް ކޯޓަށް ގެންދިޔަ ނަމަވެސް އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ފުލުހުން ވެސް އެއްބަސްވުމުން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ކުއްލި މައްސަލަގާއި ވަނީ އަދީބު ފިލައިގެން އުޅަނިކޮށް އޭނާ ހައްޔަރުކޮށްގެން ފުލުހުން ކޯޓަށް ގެނައުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ކޯޓުން ނިންމުމުން އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ.

މި ކުއްލި މައްސަލަ ބަހުސަށް ހުޅުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކުއްލި މައްސަލައާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން އަދީބު ދޫކޮށްލި ނަމަވެސް މިއަދު ހެނދުނު ވަނީ ކްރިމިނަލް ކޯޓުން ނެރުނު އާ އަމުރެއްގެ މައްޗަށް އޭނާ އަލުން ހައްޔަރު ކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ވަނީ ޖަލަށް ގެންގޮސްފަ އެވެ.

އަދީބު ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާ ހިލާފުވެފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އަދީބު ހައްޔަރުކޮށްފައިވާއިރު އެ ހާލަތުގައި އަމަލު ކުރަން ޖެހޭ ބައިނަލްއަގްވާމީ ގާނޫނެއް ކަމަށްވާ ފްލެޓް ސްޓޭޓް ގާނޫނަށް އަމަލުކޮށްފައި ނެތުމުންނެވެ.

އެ ގާނޫނުގައިވާ ގޮތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަކުން ގައުމަކަށް މީހަކު ހައްޔަރު ކުރެވޭނީ އެމީހަކު ހުރި އުޅަނދަކީ އެ ގައުމެއްގައި ރަޖިސްޓްރީކޮށްފައި ނުވަތަ އެ ގައުމެއްގެ ދިދަ ނަގާފައިވާ އުޅަނދެއް ކަމުގައިވާނަމަ އެވެ.