ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހީމް އަބްދުﷲ (ގައްބަރޭ) މިނިވަންކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށެވެ. އިސްތިއުނާފް ބަލައިގެންކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މއ. ނައިޓްވިލާ އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ ކްރިމިނަލް ކޯޓުން މިނިވަަންކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ.
ފުލުހުންގެ އިދާރާ އިން ގައްބަރޭ ހޯދަން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިއުލާންކުރުމާ ގުޅިގެން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ގައްބަރޭގެ ބަންދަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ކޯޓުން މުއްދަތު ޖަހައިދީފައިވެ އެވެ. މިމަހު ހަވަނަ ދުވަހު އޭނާ މިނިވަންކުރަން އަމުރުކުރި ވަކި ސަބަބެއް އަދިވެސް އެނގިފައެއް ނުވެ އެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.
ގައްބަރޭ ހޯދަން ކުރި އިއުލާންގައި އޭނާ ހޯދަނީ ޒަރީރަށް ހަމަލާދީގެން ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ގައްބަރޭގެ ފޮޓޯއާއި ވަނަވަރު ހާމަކޮށް ބުނެފައިވަނީ އޭނާ ހޯދަނީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
ޒަރީރަށް ހަމަލާ ދިން މައްސަލައާއި ގުޅިގެން މީގެ ކުރިން ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.