ހަބަރު

އަދީބުގެ ހިޔާނާތުގެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލު ކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ސުޕްރީމް ކޯޓްގައި ތާވަލު ކޮށްފި އެވެ.

މާދަމާގެ ހެނދުނު 10:15 އަށް ސުޕްރީމް ކޯޓްގައި ތާވަލު ކޮށްފައިވަނީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކުރުމުން ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުމެކެވެ.

އިސްތިއުނާފް ކޮށްފައިވާ މައްސަލައަކީ އެމްއެމްޕީއާރުސީން ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ހިއްސާވާ އަދި އަދީބު މިނިސްޓަރަކަށްވުމުގެ ކުރިން މަސައްކަތްކުރި ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ފަސް މިލިއަން ޑޮލަރު ޖަމާކުރި ކަމަަށް ބުނެ 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމެކެވެ. އެ ހުކުމް ހައިކޯޓުން ކުރިން އޮތީ ދަމަހައްޓާފަ އެވެ. ނަމަވެސް މިއަހަރު މެއި މަހު ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ ހިލާފަށް، ޖިނާއީ އިޖުރާއަތްތަކާ ވެސް ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އަދީބުގެ މައްސަލައެއް ސުޕްރީމް ކޯޓްގައި ތައާވަލް ކޮށްފައިވާއިރު، ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އޭނާ އިންޑިއާއަށް ޓަގް ބޯޓެއްގައި ފިލައިގެން ދިޔަ މައްސަލާގައި މިއަދު ވަނީ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފަ އެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް އަދި އޭނާ ހާޒިރުކޮށްފައެއް ނުވެ އެވެ.